English Edition
Dhivehi Edition
މުލިމަތި ޔުނައިޓެޑްއިން 2022 ވަނަ އަހަރު ބޭއްވި މާލި ޕެރޭޑް

އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން ކޮންމެ އަހަރެއްގެވެސް އަޟްހާ އީދޫ ފާހަގަކުރުމަށް ބާއްވަމުން އަންނަ ‘އައްޑޫ އީދި ސަމާ ފެސްޓިވަލް’ މިއަހަރުވެސް ބާއްވަން ނިންމައިފިއެވެ.

އައްޑު ސިޓީ ކައުންސިލުން ބުނީ އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 27 ޖޫން 2023 އިން 01 ޖުލައި 2023ގެ ނިޔަލަށް 4 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މި ގޮތުން ޢީދު ފާހަގަ ކުރުމަށް 01 ޖުލައި 2023 ވާ ހޮނިހިރު ދުވަހުގެރޭ ފަންނާނުންގެ ޝޯއެއް ބޭއްވުމަށް ނިންމާފައިވާއިރު ޝޯގައި ހަރަކާތްތައް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކާއި، އާޓިސްޓުންނާއި، ޕާފޯމްކުރުމަށް ބޭނުންވާ މިއުޒިކް ބޭންޑްތައް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގޫގަލް ފޯމް 28 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މި ކަމަށް އެދި 4 ފަރާތައްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ މިޝޯގައި ޕާފޯމްކުރާނެ ފަރާތްތައް ނިންމާނީ ހުށަހެޅިފައިވާ ފަރާތްތަކަށާއި، ހުށަހެޅުންތަކަށް ބަލައިގެން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ މި ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ވަގުތު އެސަރަހައްދުތަކުގައި ސްޓޯލް / ކެންޓީން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގޫގަލް ފޯމް 25 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. އިތުރަށް ކައުންސިލުން ބުނީ މި ހަރަކާތަކަށް އެއް ފަރާތައްވުރެ ގިނަފަރާތްތަކުން ހުށަހަޅާއިފިނަމަ، ހަރަކާތުގައި ސްޓޯލް / ކެންޓީން ހިންގާނެ ފަރާތެއް ނިންމާނީ ހުށަހެޅޭ އެންމެ ރަނގަޅު ހުށަހެޅުންތަކަށް ބަލައިގެން ކަމަށެވެ.

އީދުގެ މުނާސަބަތުގައި ކައުންސިލުން ހިންގުމަށް ނިންމާފައިވާ ހަރަކާތްތައް ސްޕޮންސަރ ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.