އިސްލާމް ދީނާއި ޤާނޫނު އަސާސީގައި މަނާ ކަންކަން، ދިވެހިންނަށް ބޭރުޤައުމުތަކުގައި ވެސް މަނާ ވާނެ ކަމަށް ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނާއި ޤާނޫނު އަސާސީގައި މަނާ ކަންކަން ދިވެހިންނަށް ބޭރު ޤައުމުތަކުގައިވެސް މަނާ ވާނެ ކަމަށެވެ. އެފަދަ ކަމެއް ކޮށްފި ނަމަ ރާއްޖެ އައުމުން އިސްލާމީ ޝަރީއަތް އެފަދަ މީހަކަށް ސަރުކާރުން ހިންގަން ލާޒިމްވާނެ ކަމަށް އެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ބޭރު ފަރާތްތަކުން ރާއްޖޭގައި އާއްމުކުރަން އުޅޭ ލާދީނީ ކަންކަމަށް ސަރުކާރުން ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.
އާދަމް ޝަރީފް މިމޭރުމުން ޓުވީޓެއް ކުރަށްވާފައި މިވަނީ ދިވެހި ފިރިހެނެއް ޖަރުމަނުގެ ފިރިހެނަކާއި ކައިވެނި ކޮށްފައިވާ ފޮޓޯތަކެއް މީސްމީޑިޔާގައި ވައިރަލް ވެފައިވާ ދުވަސްކޮޅެއްގައި އެވެ.