ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
4 މަސް ކުރިން
އަޙްމަދު

މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ ސެންޓަރުތަކުގެ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ” ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް” ގެ މި އަހަރުގެ ހަތަރުވަނަ ބުރު ނިންމާލައިފިއެވެ.

މި ހިނގާ އޮގަސްޓް މަހުގެ 09 ވަނަ ދުވަހުގެރޭ އިސްކަންދަރުކޮށި މަލްޓި ޕަރޕަސް ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލޭ ސިޓީ ޕޮލިސް ގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީއެވެ.

Advt

Advertisement

އޮގަސްޓް  4 ން 8 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 184 ޑްރައިވަރުން ބައިވެރިވެ ސެޓިފިކެޓް ހާސިލްކޮށްފައިވާއިރު، މި ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ  މާލޭ ސިޓީ ޕޮލިސް ގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީގެ އިތުރުން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އާއި ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓް ގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު އިބްރާހިމެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބައިވެރިންނާ މުޚާތަބު ކުރައްވައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ދެއްކެވި ވާހަކަފުޅުގައި، ގަވައިދުތަކަށް އަންނަމުންދާ ބަދަލުތަކަށް އަމަލުކުރުމާއި، ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް ޑްރައިވަރުންގެ ކިބައިން އެދިލެއްވިއެވެ. އަދި ރައްޔިތުން ޓެކްސީ ހިދުމަތަށް ކުރާ އިތުބާރު އެގޮތުގައި ދެމެހެއްޓުމަށާއި، ޓެކްސީތަކަކީ ސާފުތާހިރު އެކަމަށް އެންމެ އެކަށީގެންވާ ޓެކްސީތަކެއްގެ ގޮތުގައި ޓެކްސީތައް ބެހެއްޓުމަށްވެސް ޑްރައިވަރުންގެ ކިބައިން އެދިލެއްވިއެވެ.

މީގެ އިތުރުން މަގުމަތިން ފެންނަ ނޭދެވޭ ކަންކަން ފުލުހުންނަށް ހިއްސާކޮށްދެވުމަށާއި، ކުށްމަދު މާހައުލެއް ގާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެވޭނެ އެއް ބަޔަކީ ޓެކްސީ ޑްރައިވަރުންކަމާއި އެކަންކަމަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޓެކްސީ ކުރާފަރާތްތަކުން މިހާރުވެސް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގެ އަދަބުތަކާއި ގުޅޭގޮތުންނާއި ޓެކްސީ ނިޒާމް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ ޓްރެފިކް ޕޮލިސިންގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ފުލުހުންނެވެ.