މައްކާގައި ހުންނަ ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކޮށް އާ އުރަކޮޅެއް އަރުވައިފި އެވެ. ކަޢުބާގެ އުރަކޮޅު ކޮންމެ އަހަރެއްގެ ވެސް ޙައްޖު މަހާއި ދިމާކޮށް ބަދަލުކުރާ އިރު މި އަހަރުގެ ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން ވަނީ މައްކާއަށް ގޮސްފައެވެ.
ކަޢުބާގެ އާ އުރަކޮޅު ތައްޔާރުކުރުމަށް އަންދާޒާ ކުރެވޭ ގޮތުގައި 120 ކިލޯގެ ރަން، 100 ކިލޯގެ ރިހި އަދި 670 ކިލޯގެ ސިލްކު ފޮތި ބޭނުންކޮށްފައި ވެއެވެ. އަދި އުރަކޮޅު ތައްޔާރުކުރުމަށް 7 މިލިއަން ރިޔާލު ޙަރަދު ވެފައިވެއެވެ. ސިލްކު ގަންނަނީ އިޓަލީންނެވެ. އަދި މިކަމަށް ބޭނުންވާ ރަނާއި ރިހި ބޭރު ޤައުމުތަކުން ގަންނަކަމަށް ސައުދީގެ ނޫސްތަކުގައި ވެއެވެ.
ކަޢުބާގެ ބޭރު އުރަކޮޅު، ‘ކިސްވާ’ ބަދަލުކުރަނީ ކޮންމެ ޒުލްޙިއްޖާ މަހެއްގެ 9 ވަނަ ދުވަހުގެ ފަތިސް ނަމާދަށް ފަހުގައެވެ.
ކަޢުބާގެ އުރަކޮޅުގެ މަތީގައި ހުންނަނީ ރަންކުލައިން ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ލިޔެފައެވެ. މިކަން ކުރަނީ އުރަކޮޅު ތައްޔާރުކުރުމަށް ޙާއްސަ ކުރެވިފައިވާ ފެކްޓަރީ، ދާރުލް ކިސްވާ ފެކްޓަރީގެ ފަރުމާކުރުމުގެ ތަޖުރިބާ ކާރުންގެ ޓީމަކުންނެވެ. ކުރީގެ ކަޢުބާގެ އުރަކޮޅުތައް ބައިބަޔަށް ބަހައި ބޭރުގެ ފަރާތްތަކަށް ހަދިޔާ ކުރެއެވެ.
ކަޢުބާގައި އަޅުވާ ކިސްވާ ކޮންމެ އަހަރެއްގައިވެސް ބިމުން ތިން މީޓަރު އުހަށް އުފުލައެވެ. އޭގެ ބޭނުމަކީ ގިނަ ޙައްޖާޖީން އެ ސަރަހައްދައް ދިޔުމާއި ކަޢުބާގައި އަތްލުމަށް ކުރަމުންދާ މަސައްކަތުގައި ކިސްވާއަށް ގެއްލުމެއް ލިބިދާނެތީ، އެކަމުން ރައްކާތެރިކަން ހޯދުން ކަމަށް ސައުދީ ސަރުކާރުން ހާމަކުރެއެވެ.
ޙައްޖަކީ އިސްލާމްކަމުގެ ފަސްރުކުމުގެ ތެރެއިން އެއް ރުކުނެވެ.