އަޟްޙާ އީދަށް “އައްޑޫ އީދި ސަމާ 1440″ ގެ ނަމުގައި އައްޑޫގެ އެކިއަވަށްތަކުން އީދު ކުޅިވަރުތައް ރާވަމުން ކުރިއަށް ގެންދާއިރު މިފަހަރުގެ އީދުގައި ފޭދޫގައި ކުޅޭ ކުޅިވަރުތައް މާދަމާއިން ފެށިގެން ހުކުރުދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ހަރަކާތްތައް އިންތިޒާމު ކުރާފަރާތުން ބުނެފިއެވެ.
ފޯރިއާއެކު އީދަށް ތައްޔާރުވަމުން އަންނަ އިރު ފޭދޫގެ އެކި އުމުރުފުރައިގެ މީހުން ވަނީ މި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމަށް ފަރިތަކުރުން ކުރިއަށް ގެންގޮސް މަޖާއީދަކަށް ތައްޔާރުވުމަށް އެންމެން އެކީ އަތު ގުޅާލާފައެވެ.
މިގޮތުން ފޭދޫގައި އީދު ފާހަގަކުރުން ފެށިގެން ދާނީ މާދަމާ ހެނދުނު 7:00 އިން ފެށޭ އީދު ނަމާދުންނެވެ. އޭގެ ފަހުން ފޭދޫ ބޮޑު މިސްކިތް ކައިރިން ރަށްދެބައިމަގުގައި ތައްޔާރުކުރާ އީދު ސައި ގައި ބައިވެރިވުމަށް ފޭދޫގެ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ.
ރަސްމީކޮށް އީދުގެ ކުޅިވަރުތައް ފޭދޫގައި ފެށުމަށް ހަމަޖަހިފައި އޮތީ އީދު ދުވަހުގެ ހަވީރުގައެވެ. އެގޮތުން ފޭދޫ ޒުވާނުންގެ ބިނާ ގައި އީދު ދުވަހުގެ ރޭ 20:00 ގައި އަންހެން ޓީމުގެ ވޮލީ މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ފޭދޫ ބަނދަރުގެ އިރުއިތުރު ސަރަހައްދުގައި އެރޭ 9:00 ގައި ކަރޯކޭ އޮންނާނެއެވެ.
އީދު ދުވަހުގެ 2 ވަނަ ދުވަހު ހަވީރު ފޭދޫ ލިންކުރޯޑާއި އަދި ބޮޑުމަގުގައި ބާއްވާ މާލި ޕެރޭޑާއި އެރޭ ބާއްވާ ފިރިހެން ޓީމުގެ ވޮލީމެޗާ އެކު އެރޭވެސް ބަނދަރު ސަރަހައްދުގައި ކަރޯކޭ ޖައްސާގޮތަށް ވަނީ ހަމަޖެހިފައެވެ.
އީދުގެ 3 ވަނަ ދުވަހު ލިންކުރޯޑު އަދި ފަސްގަނޑުގައި ބާއްވާ ބަިއސްކަލް ބުރަށް ފަހު ރޭގަނޑު، ބަނދަރު ސަރަހައްދުގައި ވާދެމުމާއެކު ކަރޯކޭ ޕްރޮގްރާމު ކުރިއަށް ދާނެއެވެ.
އީދުގެ 4 ވަނަ ދުވަހު ހަވީރު އިސްރަށްވެހިންގެ ހަވީރެއް ޒުވާނުންގެ ބިނާގައި ބޭއްވުމަށްފަހު އެހެން ރޭރެއާއެއްގޮތަށް އެރޭވެސް ކަރޯކޭ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.
އީދުގެ 5 ވަނަ ދުަވަހު ހަވީރު ފޭދޫ ބަނދަރު އިރުމަތީ ފަސްގަނޑުގައި ޒުމްބާ އަދި ފިޓްނެސް ހަރަކާތެއް ބޭއްވުމަށް ފަހު އެރޭ ރޭގަނޑު އޮންނާނީ ބަރުއުފުލުގެ ޕްރޮގްރާމެކެވެ.
އީދުގެ ކުޅިވަރު ނިންމާލުމުގެ ގޮތުން ހުކުރުދުވަހު ހަވީރު ކުޅޭ ބަށިމެޗާއެކު” ހުނަރު ޝޯ” ގެ ނަމުގައި ޒުވާނުންގެ ބިނާގައި ޝޯއެއް އޮންނާނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.
މި އިވެންޓްތަކުގައި ފޭދޫގެ ވީހާ ގިނަ ރައްޔިތުން ބައިވެރިވުމަކީ އިޖުތިމާއީ ގުޅުން ވަރުގަދަވެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށް އެފަރާތުން ބުނެއެވެ.