English Edition
Dhivehi Edition

މިއަދަކީ ބަރަކާތްތެރި ޙައްޖު ދުވަހެވެ. ނުވަތަ ޢަރަފާތް ދުވަހެވެ. އެތަކެއް މުސްލިމުންނެއް މައްކާގެ އަރަފާތް ބިމަށް ޖަމާވެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ދުވަހެވެ.

މިދުވަހާއި މުސްލިމުން ކުރިމަތިލާއިރު ދީނީގޮތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މުޅި އަހަރުގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ ޙައްޖު ދުވަހުގެ މާތްކަމާއި މަތިވެރިކަން ކީރިތި ގުރްއާނާއި މާތް ރަސޫލާގެ ސުންނަތުގައި ވަނީ ބަޔާން ކުރައްވާފައެވެ.

ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި މިއަދަކީ ﷲއަށް ދަންނަވާ ދުޢާ އިޖާބަކުރައްވާނެ ދުވަހެކެވެ. މިއަދަކީ ﷲގެ އަޅުތަކުންނަށްޓަކައި މަލާއިކަތުންގެ އަރިހުގައި ﷲ ސުބުޙާނަހޫވަތަޢާލާ ފަޚުރުވެވޮޑިގަންނަވާ ދުވަސް ކަމަށްވެސް އިލްމުވެރިން ވިދާޅުވެފައިވެއެވެ. މިއަދަކީ އަޅުގަނޑުމެންގެ މައްޗަށް ﷲ ރަހުމަތެއް ކަމުގައި ބާވައިލެއްވި އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަސްވެސްމެއެވެ. މިއަދަކީ އެންމެ ގިނައިން ފާފަފުއްސަވައި ނަރަކައިން މުއްތިކުރުމުގެ ދުވަސް ކަމަށްވެސް އިލްމުވެރިން ވިދާޅުވެއެވެ.

އަދި މި ދުވަހުގެ ބަރަކާތާއި މާތްކަން ލިބިގަތުމަށް ސުންނަތުގައި ބާރުއަޅުއްވާފައިވެއެވެ. ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތް ކަމަށް ބަލާއިރު މިދުވަސްތަކަކީ ކިޔަމަންތެރިކަން އަދާކުރުމަށް އެންމެ އެދެވިގެންވާ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކެކެވެ.

އަދި މިދުވަސްތައް މާތް ﷲ ވަނީ އެހެން ދުވަސްތަކަށްވުރެ މަތިވެރި ކުރައްވާ މާތް ކުރައްވާފައެވެ.އެހެންކަމުން ކޮންމެ މުސްލިމަކުވެސް މި ދިހަ ދުވަހު ހެޔޮ ޢަމަލުކޮށް ތައުބާވާންޖެހެއެވެ. ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ބަރަކާތާއި ޘަވާބު ލިބިގަތުމަށްޓަކައި ކުރުން އެދެވިގެންވާ ހެޔޮކަން ބޮޑު ޢަމަލުތަކެއްވެއެވެ. މިދުވަސްތަކުގައި ހެޔޮ ޢަމަލު ގިނަ ކުރުމަށް ކީރިތި ރަސޫލާ ވަނީ އުއްމަތަށް ބާރުއަޅުއްވާފައެވެ.

މިގޮތުން މިދުވަސްތަކުގައި ހެޔޮ ޢަމަލުގެ ގޮތުން ކުރުން އެންމެ ރަގަޅު ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނެއެވެ.
މީގެ އިތުރުން މި ދުވަސްތަކުގައި ގިނަގިނައިން ޛިކްރުކޮށް ގެތަކާއި މިސްކިތްތަކުގައި އަދި މަގުތަކުގައި މީހުންނަށް އުނދަގޫ ނުވާނެ ފަދައިން ތަހްލީލު ތަކްބީރު ތަސްބީޙަ ގިނަ ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ.

ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު އަދާ ކުރުމަށް ﷲ ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. މިއަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކިކަންކޮޅު ތަކުން އެތައްސަތޭކަ ބަޔަކު ކޮންމެ އަހަރަކު މައްކާ ގައިހުންނަ ގެފުޅަށް ޖަމާވެއެވެ. މިއީ ދުނިޔޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއްވުމެވެ. މިއެއްވުން ދުނިޔެ ދެމިއޮތްހާ ދުވަހަކު ތަކުރާރު ވަމުން ދާނެއެވެ. މިއެއްވުމުގައި ތަފާތު ގައުމުތަކުން ތަފާތު ނަސްލުތަކުގެ މީހުން އެއްވެސް ތަފާތު ކުރުމެއްނެތި ބައިވެރި ވަމުންދެއެވެ. މިއަޅުކަމަކީ ހަމަހަމަ ކަން ވަރަށް ރަނގަޅަށް ހާމަވެގެންވާ އަޅުކަމެކެވެ.

ﷲގެ މަގުގައި ގިނަގިނައިން ހޭދަ ކުރުމަކީވެސް މި މާތް މަހުގެ ޘަވާ ބާއި ދަރުމަ ލިބިގަތުމަށް ކުރުން އެދެވިގެންވާ ކަމެކެވެ. އެގޮތުން ﷲ އަށް ޓަކައި އެކަލާނގެ އިސްމުފުޅުގައި ގުރްބާނީއެއް ކަތިލުމަކީ އިސްލާމް ދީނުގައި ގަދަވެގެންވާ ސުންނަތެކެވެ. ޢަރަފާތު ދުވަހަކީ މާތް ﷲ މާތްކުރައްވައި އެ ދުވަހު އަޅުތަކުން ކުރާ ދުޢާތައް އިޖާބަކުރައްވާނެކަން އަންގަވާފައިވާ ދުވަހެކެވެ.
ހައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ގޮސްތިބި ޙައްޖާޖީންގެ ފާފަތައް ފުއްސަވައި އެމީހުންނަށް ޙައްޖުގެ ސަވާބައި ދަރުމަ ދެއްވާށިއެވެ!

ޓެގު