English Edition
Dhivehi Edition
އަޟްހާ އީދު ކުލަގަދަކޮށް ފާހަކަ ކުރުމާ ގުޅޭ ގޮތުން އައްޑޫގެ ޖަމިއްޔާ ޖަމާއަތް ތަކާއެކު ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން: ފޮޓީ ކައުންސިލް އިދާރާ

ޢީދު ފަދަ ޚާއްޞަ މުނާސަބާތަކުގައި އައްޑޫގައި މާބޮޑު ފާހަގަ ކުރުންތަކެއް މީގެ ކުރިން ނެތް ނަމަވެސް ކުރިމަތި ވަމުން އަންނަ އަޟްހާ އީދަކީ އައްޑޫއަށް ވަރަށް ތަފާތު އީދަކަށް ވެގެންދާނެއެވެ. އީދަށް އެންމެ 2 ދުވަހަށް ވެފައިވާއިރު ފެނިގެންދަނީ މުޅިންވެސް އުފާވެރި މަންޒަރުތަކެވެ. ފޯރިއާއި ޖޯޝާއެކު އީދަށް ތައްޔާރުވަމުން އަންނަ ތަނެވެ. ހަމައެކަނި އީދު ހެދުން ފެހުމުގައެއް ނޫނެވެ. ނުވަތަ އީދަށް ބޯކިބާ އަޅައި ސައިހެދުމުގައެއްވެސް ނުމެނޫންމެއެވެ. މި އީދު އެންމެ ޚާއްޞަވެގެން ދާ ކަމަކީ އައްޑޫ ސިޓީއާއި އައްޑޫގެ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން މުޅި އައްޑޫގެ އެކި އަވަށްތަކުގައި އީދު ފާހަަގަކޮށް މަޖާކުރެވޭތީއެވެ.

މި ހަރަކާތްތައް ފެށިގެން ދިޔައީ އައްޑޫގެ ބައެއް ޖަމިއްޔާތަކުގެ އިސްނެގުމާއެކު މިކަމަށް މަސައްކަތް ފަށައިގަތް ހިސާބުންނެވެ. ހަމަ އެއާއެކު ހުރިހާ ޖަމިއްޔާތަކަށް ހަމަހަމަކަމާއެކު އީދުގެ ކުޅިވަރުތައް ފާހަގަކުރުމަށް އައްޑޫސިޓީ ކައުންސިލުން ވެސް ފުރުސަތު ހޯދައި ދެއްވުމާއި ހަމައިން ފެށިގެންނެވެ. އެގޮތުން އައްޑޫސިޓީ ކައުންސިލުން ވަނީ މީގެ 1 މަސް ކުރިން އައްޑޫގެ ހުރިހާ ޖަމިއްޔާތަކާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި އައްޑޫސިޓީގެ މޭޔަރ ވިދާޅުވެފައިވަނީ އައްޑޫގައި އީދު ދުވަސްތައް ބައެއް ސަރަހައްދުތަކުގައި މިހާރުވެސް ފާހަގަ ކުރާ ކަމަށާއި ނަމަވެސް ކުލަގަދަކޮށް ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ފަދަ ގޮތަކަށް އީދު ފާހަގަ ކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން އައްޑޫގެ ހުރިހާ ރައްޔިތުން ގުޅިގެން ކައުންސިލުން އިސްވެ އޮވެ މިފަދަ ކުލަގަދަ އީދެއް އައްޑޫގައި ފާހަގަކުރުމަށް ބޭނުންވާ ކަމަށެވެ.

މިއީ ހަމަ ގައިމުވެސް އައްޑޫގެ ރައްޔިތުންނަށް ލިބިގެންދިޔަ އުފާވެރި ކަމެކެވެ. ގިނަފަހަރު އީދުގައި އާހެދުން އަޅައިގެން ހަވީރު ހިނގާލަން ގޮސް ފޮޓޯނަގާލާފައި ނިންމާލާ ހިސާބުގައި ތިބި ނަމަވެސް މި އީދުގައި އައްޑޫގެ ރައްޔިތުންނަށް އުފާފާޅުކޮށް މަޖާއީދެއް ފާހަގަ ކުރުމަށް ވަނީ ފުރުސަތު ލިބިފައެވެ.

އައްޑޫގެ ހުރިހާ އަވަށްތަކުން މިއީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ރަށުތެރެއިން ވެސް ފެންނަމުންދަނީ އުފާވެރި މަންޒަރުތަކެވެ. އެކިއެކި ކުޅިވަރުތަކަށް ކުރަމުން ގެންދާ ޕްރެކްޓިސް ތަކެވެ. ތަފާތު މުބާރާތްތަކަށް އެއްބަޔަކު ޕްރެކްޓިސް ކުރަމުންދާއިރު އީދު ސަޔާއި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވާ ސަރަހައްދު ރީތިކޮށް ޒީނަތްތެރި ކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރާ ތަނެވެ. ސްކޫލްތަކުގެ ދަރިވަރުން ވެސް އީދަށް ތައްޔާރުވުމަށް ކުރަމުން ގެންދާ ޕްރެކްޓްިސްތަކެވެ. އީދުގެ އެކިއެކި ކަންކަމުގައި އެކި ޖަމިއްޔާތަކުން އިންތިޒާމުކުރާ ކަންކަމުގައި ރެއާއި ދުވާ އެއްކޮށް “ބިޒީ” ވެގެން މަސައްކަތް ކުރަމުން ގެންދާތަނެވެ. މުޅިންވެސް ރައްޔިތުންގެ އުފަލަށްޓަކައެވެ.

މިފަހަރުގެ އަޟްޙާ އީދު ވެގެންދާނީ އައްޑޫއަށް އަންނަ “އުފާވެރި އީދު ސަމާ” އަކަށެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި އައްޑޫގެ ރައްޔިތުންވެސް އަވަހަށް އަންނަންވީ އަމިއްލަ ރަށަށެވެ. އީދު ފާހަގަ ކުރުމަށެވެ. އަމިއްލަ އާއިލާއާއެކު އަމިއްލަ ފަސްގަނޑުގައި އުފާވެރި އީދެއް ހޭދަކޮށްލުމަށެވެ.