English Edition
Dhivehi Edition
އައްޑޫ އީދި ސަމާ 1440 ގެ ނަމުގައި އައްޑޫގެ ހުރިހާ އަވަށެއްގައި ބޭއްވި ކުޅިވަރުތަކުގެ ފޮޓޯތަކުން ގިނަ ބަޔަކަށް އެންމެ ކަމުދިޔަ އެއް ފޮޓޯ އަކަށް އައްޑޫސިޓީގެ ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީގެ ފޮޓޯ ވެއްޖެއެވެ.
އައްޑޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ޝުކުރީ ފިޔަވައި އެހެން އެއްވެސް ކައުންސިލަރެއްގެ ބައިވެރިވުން ފެނިފައި ނުވިނަމަވެސް އިއްޔެ ހުޅުދޫ އަދި މީދޫގައި ބޭއްވި ޕެރޭޑްގައި ކައުންސިލަރު ތަފާތު ގޮތަކަށް ފެނިލުމުން ރައްޔިތުން ތިބީ ވަރަށް އުފާވެފައެވެ.
ޕެރޭޑްގައި ނަގާފައިވާ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް ފޮޓޯއާއެކު ކޮއްފައިވާ ކޮމެންޓުތަކުން އެކަން ފާހަގަކުރެވެއެވެ.
“އައްޑޫސިޓީގެ ކައުންސިލަރުންގެ ތެރެއިން ހުޅުދޫ ކައުންސިލަރު ޝުކުރީ އަކީ ފާހަގަކޮށްލުން ހައްގު ކައުންސިލަރެއް. ރައްޔިތުން ކުރާ ކޮންމެ ކަމެއްގައި ބައިވެރިވާ ކައުންސިލަރެއް އެއީ” ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވެއެވެ.

އާންމުކޮށް އައްޑޫގައި ފާހަގަ ކުރާ މިފަދަ ހަރަކާތްތަކުން މީގެ ކުރިން ރައްޔިތުންނާއެކު މަޖިލިސް މެމްބަރުން ވެސް ފެނިފައިވެއެވެ. ނަމަވެސް ފޭދޫ ދާއިރާގެ މެމްބަރު ފިޔަވައި އެހެން އެއްވެސް މެމްބަރެއްގެ އަޑެއްވެސް އައްޑޫގައި ފާހަގަކުރި މި ބޮޑު އީދުގައި އިވިފައެއްވެސް ނެތެވެ. ފޭދޫގައި ކުރިއަށް ގެންދިޔަ އީދު ހަރަކާތްތަކުގެ ތެރެއިން ބައިސްކަލް ބުރުގައި ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު ރައްޔިތުންނާއެކު ބައިވެރިވެލެއްވެވިތަން ފެނިފައިވެއެވެ.

މީގެ އިތުރުން ހުޅުދޫގައި ކުރިއަށް ގެންދިޔަ ޕެރޭޑްފައި ހުޅުދޫގެ ކައުންސިލަރު ޝުކުރީ ބައިވެރިވެ ލެއްވެވި އިރު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އީދު ސަމާގެ އެއްވެސް ހަރަކާތެއްގައި އެހެން ކައުންސިލަރަކު ބައިވެރިވެ ލެއްވެވި ކަމެއް އެނގިފައެއް ނެތެވެ.

“އައްޑޫ އީދު ސަމާ 1440 ” ގެ ނަމުގައި އައްޑޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް މިހާރު ވަނީ ނިންމާލާފައެވެ.