ނޫސްވެރިޔާ އަހުމަދު ރިޟުވާނު އަބުދުއްﷲ ވަގަށް ނަގައި ގެއްލުވާލި، ޓެރަރިސްޓް ގުރޫޕު ވަނީ ހެއްކާއި އެކު ހޯދިފައި ކަމުގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރިޟްވާން ގެއްލުވައިލުމުގައި ހަރަކާތްތެރިވި ބަޔަކު ހެއްކާ އެކު ދެނެގަނެވިފައިވާ ކަމަށާއި އެ މީހުންގެ މައުލޫމާތު އާންމު ކުރުމާ މެދު ވިސްނަމުންދާ ކަމަށެވެ. އަދި މިހިނގާ އޮގަސްޓް މަސް ނިމުމުގެ ކުރިން އެކަމުގެ މައުލޫމާތުތައް ހާމަކުރައްވާނެ ކަމުގައި ވެސް ސުއޫދު ވިދާޅުވިއެވެ. ރިޟްވާން ގަދަކަމުން ފޮރުވުމުގައި އުޅުނު ޓެރަރިސްޓް ގްރޫޕާއި އެކަމުގައި ބައިވެރިވި މީހުން، ދައުވާ ކުރެވޭ މިންވަރަށް އެކަށީގެންވާ ހެއްކާ އެކު އެ ކޮމިޝަނަށް މިހާރު ދެނެގަނެވިފައިވާ ކަމަށް އެ ޓްވީޓްގައިވެ އެވެ.
އެކަމަކު ރިޟްވާން ވަގަށް ނެގުމަށް ފަހު އޭނާއާ މެދު ކަންތައްކުރި ގޮތް އަދިވެސް ހޯދިފައި ނެތް ކަމަށް ސުއޫދުގެ ޓްވީޓްގައިވެ އެވެ. އަދި އެކަމާ ގުޅޭގޮތުން އެ ކޮމިޝަނަށް އެކި ގޮތްގޮތުން ލިބުނު މައުލޫމާތުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކު މިހާތަނަށް ޔަގީން ކުރެވުނު ކަންކަމުގެ މައުލޫމާތު ރިޟްވާންގެ އާއިލާއާ ދާދިފަހުން ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް ސުއޫދުގެ ޓްވީޓްގައިވެ އެވެ.
“ބަލަމުންދާ މައްސަލަތަކުގެ ހަގީގަތް ހޯދުމަށް ރިޔާސީ ކޮމިޝަނުން ވެފައިވާ ވައުދު ފުއްދާނަން” ސުއޫދުގެ އެ ޓްވީޓްގައިވެ އެވެ.