10 ވަނަ މިނިވަންކަޕް ގައި މިރޭ ރިސޯޓް ބޯއިސް އާއި އެމްއެންޑީއެފް ބައްދަލުކުރި ފޯރިގަދަ މެޗު ރިސޯޓް ބޯއިސް އިން ކާމިޔާބުކޮށްފިއެވެ.
މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ ރިސޯޓް ބޯއިސް އިން މިރޭގެ މެޗު ކާމިޔާބުކުރީ އެމްއެންޑީއެފް ކޮޅަށް 6 ލަނޑު ޖަހައިގެންނެވެ. މިރޭގެ މެޗުގައި އެމްއެންޑީއެފް އިން ރިސޯޓް ބޯއިސް ކޮޅަށް 4 ލަނޑު ޖަހާފައިވާއިރު މުޅި މެޗުގައިވެސް ފެނިގެން ދިޔައީ ރިސޯޓް ބޯއިސް ހިފެހެއްޓުމަށް އެމްއެންޑީއެފް އަށް އުދަގޫވެގެން ދިޔަ މަންޒަރެވެ.
މެޗުގެ ފުރަތަމަ ހާފްގައިވެސް ރިސޯޓް ބޯއިސް އިން ހަތަރު ލަނޑު ޖަހާ މެޗުގެ ލީޑް ނަގާފައިވާއިރު އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ނުވަވަނަ މިނިޓްގައި އަލީ ހާފިޒް(އައްޔަ)އެވެ.މެޗުގެ އެގާރަވަނަ މިނިޓްގައި އައްޔަ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިން އިރު މެޗުގެ ބާރަވަނަ މިނިޓްގައި ހަސަން ޔާސިރް އަދްނާންވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އެ ޓީމުން ފުރަތަމަ ހާފްގައި ޖެހި ހަތަރުވަނަ ލަނޑަކީ ލިބުނު ޕެނެލްޓީއެއް ގޯލަށް އަމާޒުކޮށް އައްޔަ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފްގައި އެމްއެންޑީއެފް އިން އެ ޓީމްގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށްފައިވާއިރު ދެވަނަ ހާފްގައި އެ ޓީމްގެ ހުސެއިން ޒިޔާން ވަނީ ޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މިރޭގެ މެޗުގައި ރިސޯޓް ބޯއިސް ގެ އިބްރާހީމް އަސްވަދު(ގަބޭ) އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު މެޗުގެ އެންމެ ފަހު މިނިޓްގައި ޔާސިރުވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ރިސޯޓް ބޯއިސްގެ އައްޔަ ހޮވިފައިވާއިރު ދެން އެ ޓީމުން ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ޕޮލިސް ޓީމާއެވެ.