English Edition
Dhivehi Edition
އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހި އަސްކަރިއްޔާއަށް ހޯދި އާ މަނަވަރު، ދިވެހި ތާރީހުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު މިއަދު ހުޅުމާލޭ ބަނދަރަށް ގެނެސްފިއެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަގުސަދުގައި ކޯސްޓްގާޑުގެ ހިދުމަތަށް އިތުރުކުރެވުނު މުހިންމު އުޅަނދެކެވެ.

މި އުޅަނދު އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން ހުޅުމާލެއަށް އައުމުން، ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓަކާއެކު ވަނީ ވޯޓާ ސެލިއުޓެއް އަރުވާފައެވެ. އުޅަނދަށް މަރުހަބާ ދެންނެވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ އާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕް ހުޅުމާލޭ ބަނދަރަށް ވަޑައިގެންނެވިއެވެ. އޭގެ އިތުރުން އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި އުޅަނދުގެ ފަޅުވެރިންގެ އާއިލާތައް ވެސް ބައިވެރިވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހޯއްދަވައިދެއްވި އުޅަނދެކެވެ. އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި މި މަނަވަރަކީ އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އާ އުޅަނދެކެވެ.

މި މަނަވަރު ރާއްޖެއަށް ގެނައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި ހާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. އެގޮތުން އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް އެ ގައުމުގައި ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި މި މަނަވަރު ރަސްމީކޮށް ކަމިޝަންކޮށް ހިދުމަތަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ. މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމުގެ އިތުރުން މީހުން ސަލާމަތްކުރުމުގެ ގާބިލުކަން އެތައް ގުނައަކުން އިތުރުވެ، ސަރަހައްދީ ސަލާމަތަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ.