މިނިވަން ކަޕް 2019 ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ތައްލިހި އެފްސީ އާއި ކެނެރީފް ބައްދަލުކުރި މެޗު 8 ލަނޑު 3 ލަނޑުން ތައްލިހި އެފްސީ ކާމިޔާބުކޮށްފިއެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ތައްލިހި އެފްސީ އިން ވަނީ ތިން ލަނޑު ޖަހާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު ލިރުއާމް(ލިރު) ނަގައިދިން ހުރަހަކުން އަލީ ޝިފާއު (ރޮނާ) ޖަހާފައިވާއިރު އިމްރާން(އިއްމެ) ވަނީ ފުރަތަމަ ހާފްގައި އެ ޓީމަށްއިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ފުރަތަމަ ހާފްގައި އެ ޓީމަށް ކާމިޔާބުކުރެވުނު ތިންވަނަ ގޯލަކީ މުހައްމަދު އަމީތް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ކެނެރީފް އިން ދެ ލަނޑު ޖަހާފައިވާރު އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އިންޝަލް އާއި މުހައްމަދު ރަފާހް އެވެ.
މެޗުގެ ދެވަނަ ހާފްގައި ތައްލިހި އެފްސީ އިން ވަރުގަދަ މޮޅު ކުޅުމެއް ކުޅެފައިވާއިރު އެ ޓީމުންވަނީ ދެ ވަނަ ހާފްގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ދެވަނަ ހާފްގައި ތައްލިހި އެފްސީ އަށް ރޮނާ ތިން ލަނޑު ޖަހައިދިން އިރު އާއި އިއްމެވަނީދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. . މެޗުގެ ދެވަނަ ހާފްގައި ކެނެރީފް ޓީމްގެއިންޝަލް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު އެ ޓީމުންވަނީ މެޗު ނުނިމެނީސް ދަނޑުން ފައިބާފައެވެ.
މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޮނާއެވެ.
މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ޒެލޯން އާއި މަލްޓި ޖީނިއަސް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މާދަމާރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރިސޯޓް ބޯއިސް އާއި އެމްއެންޑީއެފް އެވެ. މާދަމާރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ތައްލިހި އެފްސީ އާއި ރިއަލް އޭޓިއެވެ.