ކޮވިޑް19 ގެ ސަބަބުން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ ކެނެރީފް ރިސޯޓް ހުޅުވުމަށް ވާންޖެހޭ ތައްޔާރީގެ %95 މަސައްކަތް ނިމިފައިވާކަމަށް އެ ރިސޯޓުގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ ސާއިފް ޒަރީރު ވިދާޅުވެއްޖެއެވެ.
އެއް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު މި ރިސޯޓް އަލުން ހުޅުވުމަށް ކުރިން ނިންމާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ރިސޯޓު ހުޅުވުމަށް ބޭނުންވާ ބައެއް ސާމާނު ލިބުން ލަސްވުމާއި ގުޅިގެން ކެނެރީފް ހުޅުވާ ތާރީހު ވަނީ އަންނަ އަހަރު ޖަނަވަރީ 15 އަށް ފަސްކޮށްފައެވެ. ޝިޕިން ޑިލޭތަކުގެ ސަބަބުން ރިސޯޓު ހުޅުވުމަށް ކޮންމެހެން ބޭނުންވާ ބައެއް ސާމާން ލިބުން ލަސްވެފައިވީ ނަމަވެސް މިހާރު އެ ރިސޯޓް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަނީ ވެފައެވެ. މިހާރު ރިސޯޓްގެ ފިނިޝިންގެ މަސައްކަތްތައް ކުރިއަށްދާއިރު އެ މަސައްކަތްވެސް މި މަހުގެ 27 ވަނަ ދުވަހު އަންނަ ބޯޓުން މުދާ ލިބި، ޑިސެމްބަރު މަސް ނިމެންވާ އިރަށް ނިންމާލެވޭނެއެވެ.
ކެނެރީފް ރިސޯޓުގައި 271 ކޮޓަރި ހުންނަ އިރު، ރިސޯޓު ފުރަތަމަ ހުޅުވަނީ 142 ކޮޓަރި އޮޕަރޭޝަނަށް ގެނެސްގެންގެންނެވެ. އަދި މިހާރުވެސް އޮޕަރޭޝަނަށް ގެންނަ 142 ކޮޓަރީގެ ތެރެއިން 140 ކޮޓަރި ރިސޯޓު ލައިފް ކުންފުނިން ބުކްކޮށްފައިވާއިރު ރިސޯޓު އޮޕަރޭޝަންވެސް ފަށާނީ ފުލް އޮކިއުޕެންސީއެއްގައެވެ.ކެނެރީފް ރިސޯޓްގެ އޮޕަރޭޝަންތައް މެދުނުކެޑި ކުރިއަށް ގެންދިއުމަށް ރިސޯޓް މެނޭޖްމެންޓުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ސާއިފް ވިދާޅުވީ އެންމެ މާކެޓަކަށް ބަރޯސާވުމުގެ ބަދަލުގައި އިތުރު މާކެޓްތަކަށްވެސް ހުޅުވާލަން މެނޭޖްމެންޓް އިން ބޭނުންވާކަމަށެވެ. މި ގޮތުން ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު 142 ކޮޓަރި ހުޅުވުމަށްފަހު އިތުރު 100 ކޮޓަރި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ރިސޯޓް މެނޭޖްމެންޓުން އަންނަނީ ކުރަމުންނެވެ. ސާއިފް ވިދާޅުވީ އުއްމީދަކީ އަލަށް ހުޅުވާ ކޮޓަރިތައްވެސް ފެބްރުއަރީ މަހު ފަހުކޮޅު ވިއްކޭ ވަރުވުން ކަމަށެވެ.
މީގެ އިތުރަށް ސާއިފް ވިދާޅުވީ ޗާޓަރު ފްލައިޓްތައް މެދުނުކެޑި ކުރިއަށް ގެންދިއުމަށްޓަކައި އެކި އެކި އެޖެންޓުންގެ އިތުރުން ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ މެނޭޖްމެންޓާއި އެކުވެސް މަޝްވަރާކުރެވެމުންދާ ކަމަށެވެ. އަދި އައްޑޫ އާއި ދެކުނުގެ އަތޮޅުތައް ޑެސްޓިނޭޝަން މާކެޓްކުރުމަށް މި ސަރަހައްދަށް ނިސްބަތްވާ އެކި ސްޓެކްހޯލްޑަރުންނާއިވެސް މަޝްވަރާކުރަމުންދާކަން ސާއިފް ވަނީ ފާހަގަކޮށްފައެވެ.
އައްޑޫ ސިޓީގެ ރިސޯޓްތަކަށް މިހާރުވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ވަރަށް ބެޑް ކެޕޭސިޓީ ނެތުންކަން ފާހަގަކޮށް ސާއިފް ވިދާޅުވީ އެކަމުގެ ސަބަބުން އައްޑޫ ސިޓީ ގަމަށް އިތުރު އެއާލައިންތަކުން ދަތުރުނުކުރާކަމަށެވެ. އުއްމީދަކީ ރިސޯޓް އަލުން ހުޅުވި ހުރިހާ ކޮޓަރިތަކެއް އަލުން އޮޕަރޭޝަނަށް ގެނެވި އެކަމުގެ ސަބަބުން އިތުރު އެއާލައިންތަކަށް ގަމަށް ދަތުރުކުރުމުގެ އުއްމީދާއި ހިތްވަރު އެއާލައިންތަކަށް ލިބިގެން ދިއުންކަމުގައި ސާއިފް ވިދާޅުވިއެވެ،
ރިސޯޓްގެ އޮޕަރޭޝަނަށް ދިމާވާ އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ ހިންގުމުގެ ހަރަދުބޮޑުވުންކަން ފާހަގަކޮށް ސާއިފް ވިދާޅުވީ މާލެ އާއި ދުރުވުމުން އޮޕަރޭޝަނަލް ކޯސްޓް ބޮޑުވާ ވާހަކައަކީ އެންމެންނަށްވެސް އެގޭ ހަގީގަތެއް ކަމަށެވެ. ރިސޯޓަށް ބޭނުންވާ ގިނަ މުދާ މާލެއިން ގެންނަން ޖެހުމުގެ ސަބަބުން އައްޑޫ އާއި ހަމައަށް މުދާ ގެނެވޭއިރު ބޮޑު ހަރަދެއް ހިނގާކަން ފާހަގަކޮށް ސާއިފް ވިދާޅުވީ މިކަމުގެ ސަބަބުން ރިސޯޓް ހިންގުމަށް ބޭނުންވާ ހަރަދު ވަރަށް ބޮޑަށް ބޮޑުވެގެންދާކަމަށެވެ.” ގަން އެއާރޕޯޓް ސަރަހައްދީ ހަބަކަށްވެ ސަރަހައްދީ ބަނދަރުން، ސަޕްލަޔަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ލިބޭނަމަ މިކަން ހައްލުވެގެން ދާނެ.” ސާއިފް ވިދާޅުވިއެވެ. މީގެ އިތުރުން ސާއިފްވަނީ މި ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށް ރިސޯޓް ލައިފްގެ އެމްޑީ ބޮޑު ރިސްކެއް ނަންގަވައިގެން، ދެކުނުގެ ޓޫރިޒަމް ކޮޅަށްޖެހުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށްފައެވެ.
ރިސޯޓު ހުޅުވުމަށް ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާ ކަން ފާހަގަކޮށް ސާއިފް ވިދާޅުވީ މިހާ އަވަހަށް ރިސޯޓް އޮޕަރޭޝަނަށް ގެނެވުނީ ސަރުކާރުން ދެމުން ގެންދާ އެއްބާރުލުމުގެ ސަބަބުން ކަމުގައެވެ. އިކޮނަމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިިނިސްޓްރީގެ، ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަން ފާހަގަކޮށް ސާއިފް ވިދާޅުވީ މި ދެ ވުޒާރާގެ، ވަޒީރުންގެ ބެއްލެވުމުގެ ދަށުން ރިސޯޓްގެ ކަންތައްތައް ހިނގަމުން އަންނަކަމަށެވެ. މީގެ އިތުރުން ރީސޯޓް ހުޅުވުމަށް ބޭނުންވާ ހުއްދައާއި މުވައްޒަފުން ގެނައުމުގެ ހޯދަން ޖެހޭ ހުއްދަތައްވެސް އާންމު އުސޫލަށް ވުރެން އަވަހަށް ލިބެމުންދާކަން ސާއިފް ވަނީ ފާހަގަކޮށްފައެވެ. އަދި ރިސޯޓްގެ ކަންތައްތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަަމަށާއި އަބަދުވެސް މަސައްކަތްކުރިއަށް ދާ ގޮތުގެ އެންމެ ފަހުގެ ތަފްސީލް ހޯއްދަވާކަމަށް ސާއިފް ވިދާޅުވިއެވެ. މީގެ އިތުރުން ސާއިފް ވިދާޅުވީ ރިސޯޓް ހުޅުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ކަމާއި ބެހޭ މިނިސްޓްރީތަކާއި ގުޅިގެން، އެކަން އަވަސްކުރުމަށް ރައީސް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާކަމަށެވެ.
2014 ވަނަ އަހަރުގެ ފަހުން، ރިސޯޓުގެ ހުރިހާ ކޮޓަރިއެއް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކެނެރީފްގެ މެނޭޖްމެންޓުން ކުރަމުން އަންނައިރު މި ރިސޯޓް ހުޅުވިގެން ދިއުމަކީ އައްޑޫގެ އިގްތިސާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.