އައްޑޫގެ ތާރީހާއި އެންމެ ބޮޑަށް ގުޅިފައިވާ ކޯއްޓޭ ސަރަހައްދަކީ އަތޮޅު ރައްޔިތުންގެ ފަޚުރެކެވެ. އެތަކެއް ގިނަ ތާރީހްތަކެއް ލިޔެވި އަދި މިއަދުވެސް އެކަންކަން ފެންނަން ހުރި ސަރަހައްދެކެވެ. ގުދުރަތީ އެތައް ކަންކަމެއް ތަޖުރިބާ ކުރެވޭ އަދި އާދަޔާ ޚިލާފު އެތައްކަމެއް ފެންނަން ހުރި ތަނެކެވެ.
ސަރުކާރުން އެސަރަހައްދު ހިމާޔަތްކޮށް ‘ނޭޗަރ ޕާކް’ ގެ ގޮތުގައި ތަރައްޤީކުރަން ފެށުމާއިއެކު އެތަނުގެ ތާރީޚް ގިނަ ބަޔަކަށް އެނގިގެން ގޮސްފައި ވެއެވެ. ކުރިން ބޯދާކޮށް ދެކެވެމުންދިޔަ ވާހަކަތަކުގެ ހަޤީގަތް ދެނެގަނެވި އެކަން ގިނަ ބަޔަކަށް ކިޔާދެވެން ފެށިއްޖެއެވެ. ނަމަވެސް އެއްބަޔަކަށް އެކަން ގަބޫލުކުރަން އަދިވެސް ދައްޗެވެ. އެހެނީ ޒަމާނައްސުރެ އެވާހަކަތައް އިވިފައިވާ ގޮތް ތެދުކަމަށް ގަބޫލުކުރެވޭތީ އެވެ.
ކޯއްޓޭ ސަރަހައްދުގައި އޮތް ‘ޕަރީން ހަނާ ފެންގަނޑަ’ އަކީ އެއާއި ގުޅިގެން އެތަކެއް ވާހަކަތަކެއް ދެކެވެމުން ގޮސްފައިވާ ތަނެކެވެ. އެފެންގަނޑުގެ ކުލައަށް ބަދަލެއް ނައިސް ވިލު ފެހިކުލައިގައި އޮންނަނީ އެތަނަށް ޕަރީން ފެންވަރަން އަންނާތީ ކަމަށް ބުނެ ވާހަކަ ކިޔާ މީހުން ކިޔާ ދެމުން ގޮސްފައި ވެއެވެ. އަދި އެފެންގަނޑުގެ އާދަޔާ ހިލާފް ކަންކަމުގެ ތެރޭގައި އެއްވެސް އެހެން ފެންގަނޑަކާއި އެފެންގަނޑު ގުޅިފައި ނެތް ނަމަވެސް ފެންގަނޑުގެ ސާފުކަން ދެމެހެއްޓިފައި އޮތް ނިޒާމަކީ ހައިރާންވާން ޖެހޭ ކަމެކެވެ.
ބޯދާ ވާހަކަތައް މިދެންނެވުނު ގޮތަށް ހުރިނަމަވެސް ތާރީހު ދިރާސާކުރާ ފަރާތްތަކުގެ އަލީގައި ‘ޕަރީން ހަނާ ފެންގަނޑަ’ ގެ ހަގީގަތް މިހާރު ދެނެވިއްޖެއެވެ. އެފަރާތްތަކާއި ހަވާލާދީ ފަހުގެ ވާހަކަތައް ބުނާ ގޮތުން އެފެންގަނޑަކީ މީގެ 400 އަހަރު ކުރިން އެތަނުގައި އުފެދިގެން އައި ފެންގަނޑެކެވެ. އެހެނީ އެސަރަހައްދުން ދަތުރު ކުރުމަށްޓަކައި މަގެއް ހެދުމުގެ ގޮތުން އަތިރިމަތިން ގާނަގައި، އެގާ މައްޗަށް ވެލި އަޅައި މަގެއް ހެދިގެން ދިޔައިރު، މަގުގެ އެއްފަޅިއަށް މިދެންނެވުނު ފެންގަނޑު ލައި އަނެއްފަޅީގައި މޫދު އޮންނަ ގޮތަށް ހެދުނީއެވެ. މިގޮތަށް ފެންގަނޑު ހެދިގެން ދިޔުމުން ގާތަކުގެ ތެރެއިން މޫދަށް މިފެންގަނޑުން ފެން ދައުރު ވުމުން ފެން ކުނި ނުވެ ހިފެހެއްޓިފައި ވެއެވެ. އަދި އެކަށީގެންވާ ވަރަށް ފެން ދައުރު ނުމުގެ ސަބަބުން ފެންގަނޑުގެ އަޑީގައި ފެހި ޖަހައި ފެހި ކުލައިގެ ފެންގަނޑަކަށް ބަދަލުވީއެވެ. ހަމަ މިއާއެކު އިރުގެ އަލި އެޅުމުން ފެންގަނޑުގެ ކުލަ ރީތި ފެހިކުލައެއްގައި ބަލާ މީހުންނަށް ފެންނަން އޮތީއެވެ.
އެހެންކަމުން އެއްވެސް ހާލެއްގައި މިފެންގަނޑަކީ ޕަރީން ފެންވަރަން އައިސް އުޅުނު ފެންގަނޑެކޭ ކިޔައިގެން ކިޔާ ވާހަކައިގެ ބުރަދަނެއް ނެތެވެ. ތާރީހަށް ބަލާއިރު މިފެންގަނޑަށް ޒަމާނައްސުރެ ކިޔަމުން ގޮސްފައިވަނީ ‘ދިއްވާ ފެންގަނޑަ’ އެވެ. ސަބަބަކީ މިފެންގަނޑު އުފެދުނު ފަހުން އެއާއި ގުޅުވައިގެން ބައެއްކަހަލަ އާދަކާދަތެކެއް އުފަންވެފައިވުމުން ނެވެ. އެގޮތުން ތުއްތުކުދިން ‘ބިން ބޭލުން ‘ ހަކަލަ ކަންކަން ކުރުމުގައި މިފެންގަނޑު ބޭނުން ކުރުމާއި، އެއިރުގެ މީހުން ގަބޫލުކުރަމުން ދިޔަ ބައެއްކަހަލަ ދީނީ ކަންކަން އެތަނުގައި ކުރުން ވެސް ހިމެނެއެވެ.
ކޮންމެއަކަސް އައްޑޫގެ ރައްޔިތުންނަށް ލިބިފައިއޮތް ތާރީހް މިފެންގަނޑާއި ގުޅިފައިވެއެވެ. ނަމަވެސް މިހާތަނަށް މިފެންގަނޑާއި ގުޅިގެން ހަދަހަދައިގެން ދެކެވޭ ވާހަކަތަކުގެ ސަބަބުން އެތަނުގެ ހަޤީގަތް އޮޅިފައިވެއެވެ. އެހެން ނަމަވެސް އެކަން އަލުން ދިރާސާކޮށް ފޮރުވިފައިވާ ހަގީގަށް ދެނެގަތުމަށް އެސަރަހައްދު ބަލަހައްޓާ ފަރާތުން ކުރާ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެކެވެ.