އައްޑޫ ސިޓީގައި ގާއިމުކުރެވިފައިވާ އައްޑޫ ނޭޗަރ ޕާކް ހިންގާ ބެލެހެއްޓުމުގެ އެންމެހާ ކަންކަން އައްޑޫ ސިޓީ ކައުންސިލާއި ހަވާލު ކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތްތައް ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރެވެ.
މި އެއްބަސްވުމުގެ ދަަށުން އައްޑޫ ނޭޗަރ ޕާކް އިތުރަށް ތަރައްޤީކުރެވޭނެ ގޮތްތައް ބަލައި މިނިސްޓްރީއާއި އީ.ޕީ.އޭ އާއި އެކުގައި މަސައްކަތް ކޮށް އަމިއްލަ ޢިޚްތިޔާރާއި ކަންކަން ނިންމުމުގެ ފުރުޞަތު އައްޑޫ ސިޓީ ކައުންސިލަށް ލިބެގެންދާނެއެވެ.
އައްޑޫ ނޭޗަރ ޕާކަކީ ރާއްޖޭގައި ފުރަތަމަ ގާއިމުކުރެވުނު ނަމޫނާ ޕާކެކެވެ. މިތަން މިހާތަނަށް ހިނގަމުން އައި ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުން މިނިސްޓްރީގެ މުވައްޒަފުންނާއި އެކު އިދާރީ ހުރިހާ ކަމެއް އީ.ޕީ.އީ އާއި މިނިސްޓްރީއިން ކުރަމުންދާ ތަނެއްގެ ގޮތުގައެވެ. ނޭޗަރ ޕާރކް ސިޓީ ކައުންސިލާއި ހަވާލުކުރުމުން ލާމަރުކަޒީ ގޮތުން ތިމާވެށީގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިހާރު ނޭޗަރ ޕާކުގައި މަސައްކަތްކުރާ ހުރިހާ މިނިސްޓްރީގެ މުވައްޒަފުންނާއި ހަރުމުދަލާއި ތަކެތި އައްޑޫސިޓީ ކައުންސިލްގެ ދަށަށް ބަދަލުވެގެންދާނެއެވެ. ޖުމްލަކޮށް މިއެއްބަސްވުމުގެ ދަށުން މިހާރު މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހުރިހާ ކަމެއް ހިންގުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރެވިގެން ދާނެއެވެ. އަދި ސިޓީގެ ކައުންސިލްތަކުގެ އިހްތިޞާސްގައި ހިމެނޭ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، ނޭޗަރ ޕާކުން ލާމަރުކަޒީ އުޞޫލޫން ކައުންސިލުތަކަށް މާލީ މަންފާ ލިބިދިނުމާއި، ޢާއްމު ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެސަރަހައްދުން އިޖުތިމާޢީ އަދި އިޤްތިސާދީ މަންފާ ލިބިދިނުމާއިއެކު، އެ ސަރަހައްދުގެ ވެށި އަންނަން އޮތް ޖީލިތަކަށް ފޯރުކޮށްދިނުމަށް މީގެ ސަބަބުން މަގުފަހިވެގެންދާނެއެވެ. އަދި ހިމާޔަތް ކުރެވޭ ތަންތަނުގެ ޙަޤީޤީ ފައިދާއާއި މަންފާ ހޯދުމުގައި ރައްޔަތުންނާއި ގާތުން މަސައްކަތްކުރުމަށް މަގުފަހިވެގެން ދާނެއެވެ.
އީދިކިލި ކިޅިއާއި، ކޯއްޓޭ ހިމެނޭގޮތަށް ހިމާޔަތްކުރެވިފައިވާ އައްޑޫ ނޭޗަރ ޕާކް ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. އައްޑޫ ނޭޗާ ޕާކްގެ ތެރޭގައި ހިމެނެނީ އީދިގަލި ކިޅިއާއި ކޯއްޓޭގެ އިތުރުން ފަޅުރަށްރަށް ކަމަށްވާ މާހެރަ އާއި ކުޑަމާހެރަ އާއި ދީރޮނޑި، ކޯހެރަ އަދި ކައްބޯހެރަ އެވެ. ހިމާޔަތްކޮށްފައިވާ މި ސަރަހައްދުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 1،145 ހެކްޓަރެވެ. އީދިގިލި ކިޅި އެކުގައިވާ މާހައުލުތަކަކީ ދިރޭތަކެތީގެ މުއްސަނދި ކަން ލިބިގެންވާމާހައުލެކެވެ. އެގޮތުން އެކިޅިން ކޮންމެ އަހަރަކުވެސް 180 ވައްތަރެއްގެ ދޫނި އެކި މޫސުމުގައި ފެނެއެވެ.
ނޭޗަރ ޕާކުން މިހާރު ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެތަނުގައި ހުރި ތާރީޚީ ތަންތަނާއި ބެހޭ މައުލޫމާތުދިނުމާއި، ޑައިވިންގ ޕޮއިންޓްތަކަށް ޑައިވް ކުރަން ގެންދިއުމާއި، ސްނޯކެލިންގ އަށް ގެންދިއުމާއި ކެނޯ ދުއްވުން ފަދަ މީހުން ޝައުގުވެރިވާފަދަ ޚިދުމަތްތައް ފޯރުކޮށްދެއެވެ. އެއީ އައްޑޫ ރައްޔިތުން ހަފްތާ ބަންދުގައާއި ހުސް ވަގުތުތަކުގައި މުނިފޫހިފިލުވައި މަޖާކޮށް އެ ވަގުތުތަކުގެ ބޭނުން އޭގެ ފުރިހަމަ ގޮތުގައި ހޭދަކޮށްލަން ދާ މަންޒިލަކަށް މިވަނީ ވެފައެވެ. އަދި އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް އައްޑޫ ނޭޗަރ ޕާކަކީ ވަރަށް މަޤުބޫލު ތަނަކަށް މިވަނީ ވެފައެވެ.
އައްޑޫ ސިޓީ އަކީ ބަޔޮސްފިއަރ ރިޒަރވް އެއްގެ ގޮތުގައި 28 އޮކްޓޫބަރ 2020 ގައި ވަނީ ކަނޑައަޅާފައެވެ. އެތަނެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން، ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ތަނަކަށް ޔުނެސްކޯ އިން ދޭ މިލަޤަބަކީ ތިމާވެށީގެ ގޮތުން އާދަޔާޚިލާފު ޚާއްސަ ސިފަތައް ލިބިގެންވާ ތަންތަނަށް ދެވޭ ޚާއްސަ ލަޤަބެކެވެ. ދިރޭ ތަކެތީގެ ނަސްލާއި، އެތަކެތީގެ މާޙައުލު ޙިމާޔަތް ކުރެވި، އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތަކަކީވެސް ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރެވޭ ކަންތައްތަކެއްކަން ޔަޤީންވެފައިވާ، އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ބާރުއަޅާ ނިޒާމެކެވެ.