English Edition
Dhivehi Edition

އައްޑޫސިޓީގައި ބާއްވާ ވިޔަފާރިއާ ގުޅޭ އެންމެ ފުރަތަމަ މައުރަޒް، “ސަދަން މޯލްޑިވްސް ބިޒްނަސް އެކްޕޯ 2019 ” މިއަދު އައްޑޫސިޓީގައި ފެށޭނެއެވެ.

އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މައުރަޒަކީ ރާއްޖޭގެ މާކެޓިން އެޖެންސީއެއް ކަމަށްވާ ޓައިޓަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މައުރަޒެކެވެ. މިއީ ޒަމާނީ ވިޔުގަތަކުގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުން މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މައުރަޒެކެވެ.

މިއަދު ހަވީރު އީކުއޭޓަރ ވިލެޖްގައި ފެށޭ މި މައުރަޒު ރަސްމީކޮށް ހުޅުއްވަވައިދެއްވަވާނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދެވެ.

މި މައުރަޒުގައި ރާއްޖޭގެ އެކި ގިންތިތަކުގެ ވިޔަފާރިވެރިންނާއި ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވާނެކަމަށާއި އަދި އެކިކަހަލަ އުފެއްދުންތައް ދެއްކުމާއި މައުލޫމާތު ބަދަލުކުރުމާއި އިންވެސްޓަރުންނަށް ފުރުސަތުތައް ހުރިނެތްގޮތް ކިޔައިދިނުމާއި އަލަށް ވިޔަފާރިއެއް ފަށަންވީގޮތުގެ މައުލޫމާތުދިނުން ފަދަ ކަންކަން ވެސް މައުރަޒުގެ ތެރެއިން ކުރިއަށް ދާނެކަމަށް ޓައިޓަން އިން ބުނެއެވެ.

މައުރަޒު ކުރިއަށް ދާއިރު ވިޔަފާރި ފޯރަމަކާއި އަދި ޕެނެލް ޑިސްކަޝަން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 4 ދާއިރާއަކަށް ފޯކަސް ކޮށްގެން ބާއްވާ ޕެނަލް ޑިސްކަޝަންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާ ތަކަކީ ފައިނެންސް، ޓްރޭޑް، ސިއްޙީ ދާއިރާ އަދި ޓޫރިޒަމެވެ. ފޯރަމް އޮންނާނީ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގައެވެ.

ޖުމުލަ ސާޅީސް އެގްޒިބިޓަރުންނަށް މި އެކްސްޕޯގައި ބައިވެރި ވުމަށް ފުރުޞަތު ދީފައިވާއިރު 10 އިންސައްތަ އެގްޒިބިޓަރުންނަކީ ބޭރުގެ އެގްޒިބިޓަރުން ކަމަށް ޓައިޓްން އިން ވަނީ ބުނެފައެވެ. އަދި އެކްސްޕޯއަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ގިވްއަވޭ ގިފްޓްސް ގެ ގޮތުގައި އަގުބޮޑު އިނާމުތައްވެސް ވަނީ ހުށަހަޅާފައެވެ.

އައްޑޫސިޓީގައި އެންމެ ފުރަތަމަ ބާއްވާ ވިޔަފާރިއާއި ގުޅޭ މި މައުރަޒުގައި ރާއްޖޭގެ ބައެއް ކުންފުނިތަކުންވެސް ވަނީ ޓައިޓްން މޯލްޑިވްސްއާއެކު ޕާރޓްނަރޝިޕް އެއްބަސްވުންތަކެއް ގާއިމްކޮށްފައެވެ. އޭގެތެރޭގައި ބިޒިނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ހިމެނެއެވެ. މީގެ އިތުރުން ޝަންގްރިލާ ރިސޯޓާއި އޫރިދޫ، ޕޯޓްސް ލިމިޓެޑް، މޯލްޑިވިއަން، ކޮކާކޯލާ، ތްރީ އެސް، ގަން އެއަރޕޯޓް ކޮމްޕެނީ ކަތަމަރާން އައިލެންޑް މޯލްޑިވްސް ، ކޮންޓްރޯލް ޕީ ، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އީކުއޭޓަރ ވިލެޖަކީވެސް މިމައުރަޒުގެ ޕާޓްނަރުންނެވެ. މީގެ އިތުރުން މި މައުރަޒުގައި އެއަރލައިންތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް، ޓްރަވެލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން، އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތައް، ޚިދުމަތްތައް ފޯރުކޮށްދޭ ވިތަފާރިތަކާއި ތައުލީމީ މުވައްސަސާތައް އަދި ސިއްހީ ޚިދުމަތުގެ މަރުކަޒުތައްވެސް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ޓައިޓަން އިން ބުނެއެވެ. މައުރަޒުގެ މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އެވެ.

މިއީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި އައްޑޫސިޓީ، ވިޔަފާރީގެ ގޮތުން ގުޅި މާލެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ބްރޭންޑްތަކަށް އައްޑޫގައި ވިޔަފާރި ކުރުމަށް ހުރި ފުރުސަތު ތަކަކީ ކޮބައިކަން އެނގި ވިޔަފާރިތައް ގުޅުވައިލުމަށް މަގުފަހިވެގެންދާނެ ފުރުސަތެއްގެ ގޮތުގައި އިވެންޓް އިންތިޒާމުކުރާ ފަރާތުން ދެކެއެވެ