English Edition
Dhivehi Edition

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2022 ގެ ބްރޭންޑް އެމްބެސެޑަރ މިސް ސާބިޔާ އަންޖާ ރެޑިކް ރާއްޖެ އަންނަން ތައްޔާރު ވެއްޖެއެވެ. މިހިނގާ ޖުލައި މަހުގެ 28 އިން 30 އަށް އައްޑޫ ސިޓީ ގައި ބާއްވާ ބައިނަލް އަޤްވާމީ ވިޔަފާރި އެގްޒިބިޝަންގައި މިސްސާބިޔާގެ އިތުރުން އެކްސްޕޯ ގެ ޕާޓްނަރ ވެސްނަރ ޑި ވިންސަރ އާއި އިވެންޓް ހޮސްޓް، ސްނެޒެނަރ މާކޯޝީ ބައިވެރި ވާނެއެވެ.

އޭއޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެކްސްޕޯ އިންތިޒާމް ކުރާ ޓައިޓޭން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފު ވިދާޅުވީ މި އެކްސްޕޯ އާއި ދިމާކޮށް ބައިނަލް އަޤްވާމީ އެކިއެކި ފަންނާނުންނާއި މަޝްހޫރު ފަރާތްތައް މެދުވެރިކޮށްގެން ރާއްޖެ މާކެޓް ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

” ރާއްޖެ އިޝްތިހާރު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން އެބަ ކުރަމު. ތަފާތު އެކި ޓީވީ ސްޓޭޝަންތަކާއި މެގަޒިންތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމާއި ގުޅޭ އިޝްތިހާރުތައް އެބަ ހިމަނަން އަދި ސޯޝަލްމީޑިއާގައިވެސް ވަރަށް ފުޅާ ދާއިރާއެއްގަ މިކަން ދަނީ ހިންގަމުން. ”

ޝަރީފް ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ރާއްޖެ ހުޅުވިގެންދާ ރަނގަޅު ފުރުސަތެއް ކަމަށެވެ. ބައިނަލް އަޤްވާމީ މީޑިއާތައް ކަމަށްވާ ހައިޕް ޓީވީއާއި ޓީވީ މެގަޒިންއާއި، ޓީވީ ޕްރާވާ، މެގަޒިން އިން، ސްޓޫޑިއޯ ބީ ، އަދި ޓީވީ ތިންކް، ގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ތަފާތު ޕްރޮގްރާމްތައް މި އެކްސްޕޯ އާއި ގުޅިގެން ދަނީ ބާއްވަމުންނެވެ.

ޒަމާނީ ވިއުގަ އަކުން ވިޔަފާރީގެ އެތައް ގުޅުންތަކެއް ގުޅާލާ މިއެގްޒިބިޝަންގައި ތަފާތު އުފެއްދުންތައް ދައްކާލުމާއި ، މަޢުލޫމާތު ބަދަލުކުރުމާއި އިންވެސްޓަރުންނަށް ހުރި ފަހި ފުރުސަތުތައް ހާމަކުރުން އޮންނާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ބާޒާރަށްނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓް ހޯދައިދިނުންމަށްވެސް ފުރުސަތު ހުޅުވިގެންދާނެއެވެ.

އައްޑޫ ހައި ސްކޫލްގައި ފަށާ މި އެގްޒިބިޝަނަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ވިޔަފާވެރިންނަށާއި ނޫސްވެރިންނަށާއި ޓްރެވެލް އެޖެންޓުންނަށާއި ޓްރަވެލް ބްލޮގަރުންނަށާއި ބޭރުގެ ޓީވީ ޗެނަލްތަކަށާއި ރާއްޖޭގެ ރިސޯޓުތަކާއި ހޮޓެލް ތަކާއި ސެލެބްރިޓީންނަށް ވަނީ ދައުވަތު ދީފައެވެ. މީގެ ތެރެއިން ތަފާތު އެކި ފަންތީގެ ގިނަ ވިޔަފާރި ތަކަކުން އެކްސްޕޯގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން އެކްސްޕޯ އިންތިޒާމް ކުރާ ފަރާތުން ފާހަގަ ކުރެއެވެ. އަދިވެސް އަތޮޅުތަކާއި ރިސޯޓުތަކުން އެކްސްޕޯގައި ބައިވެރިވުމަށް އެދެމުންދާތީ އެފުރުސަތު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.

މި އެކްސްޕޯއަށް މެހުމާނުންނާއި އެގްޒިބިޓަރުން ހިމެނޭގޮތަށް ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭއިރު އެކްސްޕޯ ވެގެންދާނީ ސްޕޮންސަރުންނަށާއި އެގްޒިބިޓަރުންނަށް ، ވިޔަފާރިތަކާއި އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ ރަނުގެ ފުރުޞަތަކަށެވެ.

ބޮޑެތި ވިޔަފާރި ވެރިންނާއެކު އައްޑޫސިޓީގައި ބާއްވާ މި އެކްސްޕޯ ވެގެންދާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި އައްޑޫސިޓީ، ވިޔަފާރީގެ ގޮތުން ގުޅި، މާލެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ބްރޭންޑްތަކަށް އައްޑޫގައި ވިޔަފާރި ކުރުމަށް ހުރި ފުރުސަތު ތަކަކީ ކޮބައިކަން އެނގި ވިޔަފާރިތައް ގުޅުވައިލުމަށް މަގުފަހިވެގެންދާނެ ފުރުސަތެއްގެ ގޮތުގައި ކަމަށް އިވެންޓް އިންތިޒާމުކުރާ ފަރާތުން ދެކެއެވެ.

3 ދުވަހަށް ދިގުދެމިގެންދާ މި އެކްސްޕޯގެތެރޭ ވިޔަފާރި އުފެއްދުންތައް ދައްކާލުމާއި، ވިޔަފާރި ފޯރަމަކާއި އަދި ޕެނެލް ޑިސްކަޝަންތަކެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 4 ދާއިރާއަކަށް ފޯކަސް ކޮށްގެން ބާއްވާ ޕެނަލް ޑިސްކަޝަންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާ ތަކަކީ ފައިނެންސް، ޓްރޭޑް، ސިއްޙީ ދާއިރާ އަދި ޓޫރިޒަމެވެ.

ޓައިޓެން މޯލްޑިވްސްއިން ވިދާޅުވީ މިފަހަރުގެ އެކްސްޕޯގައި ވެސް ގިނަ އަދަދެއްގެ އެގްޒިބިޓަރުން ބައިވެރިވާއިރު އޭގެތެރޭގައި އައިލޭންޑް ޑެސްޓިނޭޝަން ޕްރޮމޯޓް ކުރުމަށް އަރިއަތޮޅުގެ ބައެއް ރަށްތަކާއި ދެކުނާއި މެދު ރާއްޖޭގެ އަތޮޅުތަކުން ބައިވެރި ވާނެކަމަށެވެ.

https://titanmaldives.com/

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަކީ ޓައިޓަން މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ރާއްޖެ އާއި ބައިނަލްއަޤްވާމީ ވިޔަފާރިތައް އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ސިލްސިލާކޮށް ކުރިއަށްގެންދާ ވިޔަފާރި އެގްޒިބިޝަނެކެވެ. 2019 ގައި ބޭއްވި މި ބްރޭންޑްގެ ފުރަތަމަ އެކްސްޕޯއަށްވެސް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައެވެ. އެއެކްސްޕޯވެސް ބާއްވާފައިވަނީ އައްޑޫސިޓީގައެވެ.