އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ 2 ވަނަ އެޑިޝަން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަކީ ރާއްޖޭގެ ދެކުނުގެ ވިޔަފާރިތައް އިޝްތިހާރުކޮށް، ސަރުކާރާއި އާންމުންނާއި ވިޔަފާރިތައް ގުޅުވައި ދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. 2019 ވަނަ އަހަރު އެކްސްޕޯގެ ފުރަަތަމަ އެޑިޝަން ކާމިޔާބު ކަމާއެކު ބާއްވާފައިވާއިރު 2 ވަނަ އެޑިޝަން ގައި ލޮޖިސްޓިކް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށް އެކްސްޕޯ އިންތިޒާމު ކުރި ޓައިޓަން މޯލްޑިވްސްއިން ބުނެއެވެ. މީގެ ސަބަބުން ބައެއް އެގްޒިބިޓަރުންނަށް އެކްސްޕޯގައި ބައިވެރިވެވޭ ގޮތް ނުވެފައިވާ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.
އޮގަސްޓް 25 އިން 27 އަށް ކުރިއަށް އައްޑޫހައިސްކޫލްގައި ކުރިއަށް ގެންދިޔަ މި އެކްސްޕޯ ރަސްމީކޮށް ފައްޓަވައި ދެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއް ސައްތާރު އެވެ.
ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި އެގްޒިބިޝަންތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.. އެގޮތުން އިކޮނޮމިކް ޓްރޭޑް އާއި ގުޅޭ ޕެނަލް ޑިސްކަޝަންއަކާއި އިންޝުއަރެންސް އެންޑް ފައިނޭންސް އާއި ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަން ، އަދި ތަޢުލީމާއި، ސިއްޙަތާއި އަދި އިޔާދަ ކުރަނިވި ހަކަތައާއި ގުޅޭ ޕެނަލް ޑިސްކަޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިފަހަރު އެކްސްޕޯގައި އައްޑޫގައި ހިންގާ ކޮލެޖްތަކާއި، އަދި ހައި ސްކޫލުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އެމްއެމްއެމްޕީއާރްސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ޓައިޓޭން މޯލްޑިވްސް ގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އިތުރުން އިންޓަނޭޝަނަލް އެއަރލައިން ޕާޓްނަރގެ ގޮތުގައި އިންޑިގޯއިން ވަނީ އެކްސްޕޯގައި ބައިވެރިވެފައެވެ. ޓައިޓަން މޯލްޑިވްސްއިން ބުނިގޮތުގައި އެކްސްޕޯއަށް ފހު އިންޑިގޯއިން އައްޑޫއަށް ސީދާ ދަތުރުތައް ފެށުމަށް ވަރަށް ބޮޑަށް ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
ބިޒްނަސް އެކްސްޕޯ ނިންމުމުގެ ގޮތުން ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ސަދަން މޯލްޑިވްސް އެކްސްޕޯގެ ތިންވަނަ އެޑިޝަން ބޭއްވުމަށް މިހާރުވެސް ބައެއް ރަށްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު މިއަށް ވުރެ ކާމިޔާބު ހަރަކާތެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.