English Edition
Dhivehi Edition
މިސްވޯލްޑް ސާބިޔާ 2022 /ފޮޓޯ އެކްސްޕްރެސް އެމްވީ

މިދިޔަ ބުރާސްފަތި ދުވަހަކީ އައްޑޫސިޓީއަށް މިސްވޯލްޑް ސާބިޔާ 2022 ޒިޔާރަތްކުރި ފުރަތަމަ ދުވަހެވެ. މުޅި ޔޫރަޕްގެ ވެސް ޓޮޕް މޮޑެލްގެ ގޮތުގައި މަޝްހޫރު، އަންޔާ ރެޑިޗް އައްޑޫއަށް އައީ އައްޑޫސިޓީގައި މިހާރު ކުރިއަށްދާ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ގެ ދެވަނަ އެޑިޝަންގައި ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވުމަށެވެ. ޔޫރަޕްގައި މިސް ސާބިޔާއަށް ލިބިފައިވާ މަގްބޫލުކަމާއެއްފަދައިން އައްޑޫގެ ޒުވާނުންނާއި ކުޑަކުދިންނަށް ވެސް މިސް އަންޔާ ވެގެންދިޔައީ މާގަޔާވި ސެލެބްރިޓީއަކަށެވެ. ނިމިގެންދިޔަ ދެދުވަސް މެދުނުކެނޑި އަންޔާއާއެކު ފޮޓޯ ނެގުމުގައި އެކްސްޕޯ އަށް ޒިޔާރަތް ކުރި އެތައް ބަޔަކު ވަނީ ވަގުތު ހޭދަކޮށްފައެވެ. ފޭސްބުކާއި ޓުވިޓާ ފަދަ މީސް މީޑިއާގެ މަންސަ ތަކުން މިސްވޯލްޑް ސާބިޔާގެ ނަން، ވިދާލި ވިދުވަރެއްހެން އަރައިގެންދިޔައީ އައްޑޫ ކުދިންނާއެކު އަންޔާ ނަގާފައިވާ ރީތި ފޮޓޯތަކާއި ކެޕްޝަންތަކުގެ ގިނަކަމުންނެވެ.

މިއަދުވެސް ހެނދުނު 8 އިން ފެށިގެން 11 ޖަހަންދެން މިސް ވޯލްޑް ސާބިޔާ އެކްސްޕޯގައި ޙަރަކާތްތެރިވާއިރު މިއީ މިރީތީގެ ރާނީ އާއެކު ފޮޓޯ ނަގަން ހުޅުވިފައިވާ އެންމެ ފަހު ފުރުސަތު ކަން ވަނީ އިޢުލާން ކޮށްފައެވެ.

މިސްވޯލްޑް ސާބިޔާއަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން

މިސް ވޯލްޑް ސާބިޔާ އަންޔާ ރެޑިޗް ގެ މި ދަތުރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އޭނާ ވަނީ އައްޑޫއިން ބޭނުންވާ ދެ ކަމެއްގެ ވާހަކަ ހާމަކުރައްވާފައެވެ. އެއީ މުޅި ރާއްޖެއަށްވެސް ނަން މަޝްހޫރު ދިވެހި އައްޑޫ ހަވާދުގެ ރަހަ ބަލާލުމާއި ، ހަމަ އެހާމެ ބޮޑު ޤަދަރަކާއި ޝަރަފެއް އެލިބާހަކަށް ލިބިފައިވާ ދިވެހި ލިބާސް ތުރުކުރަން ބޭނުން ވާ ވާހަކައެވެ. އަންޔާއަށް އައްޑޫ ހަވާދުގެ ޚާއްސަ ދިވެހި ސަގާފީ ފަރިއްކޮޅެއް އަރުވާފައިވާއިރު ދިވެހި ކަނޑުމަހުގެ ބާވަތްތަކާއި އައްޑޫ ހަވާދުގެ ޑިޝްތައް އަންޔާގެ މުޅި ޓީމަށްވެސް ވީ މާގަޔާވާ ކެއުމަކަށެވެ. ހަމައެހެންމެ މިސްވޯލްޑް ސާބިޔާ، ދިވެހި ލިބާހުގައި ވޭތުވެދިޔަ ދެދުވަހުވެސް ނެންގެވި ފޮޓޯތަކާއި ސެލްފީތައް ވަނީ ވައިގައި ހިފާފައެވެ.

މިސް ވޯލްޑް ސާބިޔާ ދިވެހި ސަގާފީ ހެދުމުގައި

މިސްވޯލްޑް ސާބިޔާ ބައިވެރިވެ ވަޑައިގަންނަވާ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަކީ ޓައިޓަން މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ރާއްޖެ އާއި ބައިނަލްއަޤްވާމީ ވިޔަފާރިތައް އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ސިލްސިލާކޮށް ކުރިއަށްގެންދާ ވިޔަފާރި އެގްޒިބިޝަނެކެވެ. މިއަދުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯ ގައި މިއަދު ހެނދުނު 9 ޖަހާއިރު ވިޔަފާރި ވެރިންނާއެކު ބާއްވާ ޕެނަލް ޑިސްކަޝަނެއް އޮންނާނެއެވެ. މި ޑިސްކަޝަންގައި އައްޑޫގެ ޓުއަރިޒަމް ޒޯންތަކުން ބިން ހޯއްދެވި ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކާއި ވިޔަވާރިވެރިންނަށް ވަނީ ދަޢުވަތު އެރުވިފައި ކަމަށް ޓައިޓަން މޯލްޑިވްސް އިން މަޢުލޫމާތު ދެއްވައެވެ. މިއަދު 10 ޖަހާއިރު އޮންނާނީ ސެލްބްރިޓީންނާއެކު އޮންނަ ޕެނަލް ޑިސްކަޝަންއެކެވެ. އެއަށްފަހު މިސްވޯލްޑްސާނިޔާގެ ތަޤުރީރެއް ގެނެސްދިނުމުގެ އިތުރުން ” ދަ މަންޑޭލާ ކޯޑު” ފޮތާއި ބެހޭގޮތުން އެފޮތުގެ މުސައްނިފް ވާހަކަ ދައްކަވާނެއެވެ. އެއީ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ގެ ޕާޓްނަރ އެއްގެ ގޮތުން އެކްސްޕޯގައި ބައިވެރިވެ ވަޑައިގަންނަވާ ވެސްނަރ ޑި ވިންސަރއެވެ. އެކްސްޕޯ ގެ ގާލާނައިޓް އޮތީ މިރޭ ، އީކުއޭޓަރ ވިލެޖްގެ ބްލޫ ލެގޫން ގައެވެ.

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ދެވަނަ އެޑިޝަނަށް ފަހު މިސްވޯލްޑް ސާބިޔާއާއި އެކްސްޕޯގެ ޚާއްސަ މެހްމާނުން އަވަށްޓެރި ފުވައްމުލަކަށްވެސް ޒިޔާރަތް ކުރާގޮތަށް ހަމަޖެހިފައިވާކަމަށް ޓައިޓަން މޯލްޑިވްސްއިން މަޢުލޫމާތު ދެއްވައެވެ.