English Edition
Dhivehi Edition

މިއަހަރަށް ދައުލަތުގެ ބަޖެޓު އެކުލަވާލީ މި ސަރުކާރުގެ ވެރިން ކަމަށާއި އެއީ ރައީސް ޔާމީންގެ ސަރުކާރުން އެކުލަވާލި ބަޖެޓެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިއްޔެ ޕީޕީއެމް، ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ މިއަހަރުގެ ދައުލަތުގެ ބަޖެޓަކީ ރައީސް ޔާމީންގެ ސަރުކާރުން އެކުލަވާލި ބަޖެޓެއް ކަމަށް ބުނާ ފަރާތްތަކުން އެދައްކަނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ.”ތޭވީސް ސެޕްޓެމްބަރުގައި ވޯޓު ނެގުމަށްފަހު 24 ސެޕްޓެމްބަރުގައި މި ސަރުކާރުގެ ވެރިން އޮފީސްތަކަށް ވަދެއްޖެ. ނޮވެމްބަރު 17ގައި ހުވާކުރެއްވިއިރު، ޓްރާންސިޝަން ކޮމެޓީއަށް ހައްދަވައިގެން، އޭގެ ދެމަސްކުރިން މި ސަރުކާރުގެ ވެރިން މަސައްކަތް ފެށައިފި” ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ މި އަހަރަށް ފާސް ކުރި ބަޖެޓުގައި ވަކި ކުލައަކަށް ނުބަލައި، ކަންތައްތަކެއް ކުރަން ހަމަޖައްސާފައި ހުރުމުން އިދިކޮޅު ފަރާތްތަކުންވެސް ބަޖެޓަށް ވޯޓު ދިން ކަމަށެވެ. “އިންސާފުގެ ވާހަކަ ކޮންމެ ބަޔަކުވެސް ދައްކާ ، އެހެންނަމަވެސް ރައްޔިތުންނަށް އިންސާފު ލިބޭ ކަމާމެދު މިއަދުވެސް ސުވާލު އުފެދޭ. “ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމްވަނީ ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުގެ ކުރިން މިއަހަރަށް ދައުލަތުން ކަނޑައެޅި 30 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަށް ވީ ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.