English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓުތައް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްއެވެ. މި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ރައީސް ޔާމީންގެ ސަރުކާރުން ބިނާކޮށްފައިވާ ފްލެޓްތައް ހަވާލުކުރުން މިސަރުކާރުން ލަސްކުރަމުން އަންނަ ކަމަށެވެ. އަދި ފްލެޓްތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ހާސް ރައްޔިތުން ތިބިކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އަދިވެސް އެތަނަށް ވަދެވޭނެ ވަކި ދުވަހެއް މި ސަރުކާރަށް ބުނެނުދެވުނު ކަމަށެވެ.

އިތުރަށް ޝީޔާމް ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ކުއްޔާއި ބިލްތައް ދެއްކުމަށް ނުކުޅެދި ރައްޔިތުން ނިކަމެތިވެ، އެތައް ބައެއްގެ އާމްދަނީ ހުއްޓި ބިކަވަމުންދާއިރު، ވީއެންމެ އަވަހަކަށް ފްލެޓްތަކަށް ވަދެވޭނެގޮތް ހަމަޖެހިގެން ދިއުމަކީ، މިއަދު ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާކަމެއް ކަމަށެވެ.

ހިޔާ ފްލެޓްތަކާއި ގުޅޭ ގޮތުން ބޮޑު ބަހުސެއް ފެށިފައިވާއިރު ކުރީގެ ހައުސިން މިނިސްްޓަރު ޑރ. މުއިއްޒު ވިދާޅުވީ އިމާރާތްކުރުމަށާއި ފިނިޝިންނާއި ފައިނޭންސިން ހަރަދުގެ މައްޗަށް ފައިދާ ހިމަނާފައި ފްލެޓެއްގެ ކުއްޔަށް މަހަކު 5،600ރ. އަށް ދޫކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން ބުނެފައިވަނީ ފްލެޓްގެ ކުލީގެ ގޮތުގައި 11،000ރ. ޖެހޭނެކަމަށެވެ. އަދި އެ ފްލެޓުތައް އަޅާފައިވަނީ ކުދި “ކޮތަރު ކޮށިތަކެއް” ގޮތަށް ކަމަށް މި ސަރުކާރުން ސިފަކޮށްފައިވާއިރު އެއީ ދަރެނީގެ ދަންތުރައެއް ކަމުގައިވެސް ގިނަ ބަޔަކުވަނީ ބުނެފައެވެ.