މިއަދަކީ ޖުލައި މަހުގެ ސައްބީސްވަނަ ދުވަހެވެ. ރާއްޖޭގެ މިނިވަންދުވަހެވެ. ޤައުމީ ހެދުމުގައި ނުކުމެ ޤައުމީ ދިދަ ވިހުރުވަމުން ދިވެހިން މިނިވަންކަމުގެ އުހައު ފާޅުކުރާ ދުވަހެވެ. ދިވެހިންގެ މިނިވަންކަން ގެއްލުނު ތާރީޚީ ހާދިސާތަކުގެ ވާހަކަ އެންމެ ގިނައިން ދައްކާ ދުވަހެވެ. ގައުމުގެ މިނިވަންކަމަށްޓަކައި ޤުރުބާންވި ދިވެހި ދަރިންގެ ޛިކުރާ އައު ކުރާ ދުވަހެވެ.
މިނިވަން ދުވަހުގެ ގޮތުގައި ދިވެހިން ފާހަގަ ކުރަމުންދަނީ، 1887 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ. ވުމާއެކު މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 54އަހަރު ފުރުނު ދުވަހެވެ. ނަމަވެސް ސުވާލަކީ ދިވެހިރާއްޖެ މިނިވަންނޫނީ ކޮން ދުވަހަކު ހެއްޔެވެ؟ މި ސުވާލު އުފެދުނީ ސަބަބެއް ނެތިއެއް ނޫނެވެ. ދިވެހިން މިނިވަންކަން ފާހަގަ ކުރަނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހިން މިނިވަންވި ދުވަހެވެ. ނަމަވެސް ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު އިނގިރޭސި ހައުސް އޮފް ލޯރޑްސްގައި އެ އެއްބަސްވުމާއިބެހޭގޮތުން ކުރެވުނު ބަހުސެއްގައި ލޯރޑް ޓެއިލަރ ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ ދުވަހަކުވެސް އިނގިރޭސިންގެ އަތްދަށުގައިވި ބައެއް ނޫންކަމުގައެވެ. ދިވެހިރާއްޖެއަކީ ދިވެހީންގެ މިލްކެއްކަމުގައެވެ. ވުމާއެކު ދިވެހިން މި ފާހަގަ ކުރަނީ ހަޤީޤަތުގައިވެސް ދިވެހިންގެ މިނިވަން ދުވަސްތޯ ހިތުގައި ސުވާލު އުފެދެއެވެ.
ރާއްޖޭގެ ތާރީޚުން ފެންނަން އޮތް ގޮތުން ފެށުނީއްސުރެ ދިވެހިންނަކީ މިނިވަން ދިދައެއްގެ ހިޔަލުގައި މިނިވަންކަންމަތީ ދެމިތިބި ބައެކެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން ގޮސްފައި އޮތީ، ދެފަހަރެއްގެ މަތިންނެވެ. ދިވެހިން ބައެއްގެ އަޅުވެތިކަމުގައި ހޭދަކުރީ މީލާދީން 1558 އިން 1573 އަށް ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް އަތްގަދަކޮށް، ރާއްޖޭގައި އެމީހުންގެ ވެރިކަން ހިންގި ދުވަސްވަރާއި، ހިޖުރައިން 1166 ގައި ހޮޅިން ރާއްޖެ ހިފައި މި ޤައުމުގެ މައްޗަށް ބާރު ހިންގި ތިން މަހާއި ވިހި ދުވަހެވެ. ނަމަވެސް ދިވެހިން މިނިވަންކަން ފާހަގަކުރާ ދުވަހަކާއި މިއިން ހާދިސާއަކާއި ގުޅުމެއް ނެތެވެ.
އިގިރޭސިންގެ ހިމާޔަތް ދިވެހިން ހޯދީ 1887 ވަނަ އަހަރުގައެވެ. ޕޯޗުގީޒުންނާއި އެހެނިހެންވެސް މީހުންގެ ފަރާތުން ރައްކައުތެރި ކޮށް ދިނުމަށް ދިވެހިން އިނގިރޭސިންގެ ކިބައިން އެދުނެވެ. އެދުވަހުން ފެށިގެން އިގިރޭސިންގެ ހިމާޔަތުގައި ރާއްޖެ އޮތް އިރު ޚާރިޖީ މައްސަލަތަކާއި އިގިރޭސިންނާއި މަޝްވަރާކުރުމަށް މުޢާހަދާގައި ކަނޑައަޅާފައިވެއެވެ. އަދި ދިވެހިންގެ ދާޚިލީ ކަންތަކާއި ނުބެހުމަށް އިނގިރޭސިން އެއްބަސްވިއެވެ. މިގޮތުން އިގިރޭސިންގެ ހިމާޔަތުގައި ދިވެހިރާއްޖެ އޮތުން ވެގެންގޮސްފައިވަނީ ދިވެހިންނަކީ މިނިވަން ބައެއް ނޫންކަމުގައި ދުނިޔެ ދުށް ސަބަބަކަށެވެ. ކޮންމެއަކަސް ދިވެހިންނަކީ މިނިވަން ބައެއްކަމުގައި ވެފައި މިއޮތީ 1965ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު، 1887ވަނަ އަހަރު ދިވެހިންނާއި އިނގިރޭސިންނާދެމެދު ވެފައިވާ އެއްބަސްވުން އުވާލެވުނު ދުވަހެވެ. އެއްބަސްވުން އުވާލަމުން ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތަކަށްވިއެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން މިނިވަންކަމުގެ ލިޔުމުގައި ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައި ކޮމިޝަނަރު މައިކަލް ވޯކަރއެވެ. ދިވެހިންގެ ފަރާތުން ލިޔުމުގައި ސޮއިކުރެއްވީ އޭރުގެ ރާއްޖޭގެ ބޮޑު ވަޒީރު އިބްރާހިމް ނާޞިރެވެ.
އިނގިރޭސިންގެ ހިމާޔަތާއި ގުޅިގެން މިނިވަން ފާހަގަ ކުރާއިރު އިނގިރޭސިން އައްޑު އަތޮޅު ގަމުން ފޭބީ 29 މާރިޗު 1976 ގައެވެ. އިނގިރޭސިން ގަމުން ފޭބުމާ ހަމައަށްވެސް ގަމުގައި އޮތީ އިނގިރޭސިންގެ ބާރެވެ. މާމެންދޫގެ ތަންކޮޅެއްގައިވެސް އޮތީ އެބާރެވެ. ކޮންމެއަކަސް އަޅުގަނޑު ހިތުގައި އުފެދެނީ ހަމަ ޖަވާބެއް ނެތް މި ސުވާލުތަކެވެ. ދިވެހިން މިނިވަން ނޫނީ ކޮން ދުވަހަކުތޯއެވެ؟ ރާއްޖެ އިނގިރޭސިންގެ ހިމާޔަތުން ވަކިކުރެއްވީ އިބްރާހިމް ނާސިރެވެ. ނާސިރު ދިވެހިރާއްޖޭގެ މިނިވަން ދުވަސްކަމުގައި އިނގިރޭސިން ގަމުން ފޭބި ދުވަސް ހަމަޖެއްސަން ނިންމީ ކީއްވެގެންތޯއެވެ؟ ނާސިރުގެ މި ނިންމުމާއި އެއްގޮތަށް 29 މާރިޗު ގައި ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރެވުނީ އެންމެ އަހަރަކު އެވެ. އެއީ 1978ވަނަ އަހަރެވެ. އޭގެފަހުން 1978 ވަނަ އަހަރު މައުމޫނު ޢަބްދުލް ޤައްޔޫމަށް ވެރިކަން ލިބުމުން މިނިވަން ދުވަހަކީ ޖުލައި 26 ކަމުގައި ހަމަޖެއްސެވިއެވެ. ދިވެހިންވަނީ މި ނިންމުންވެސް ބަލައިގެންފައެވެ.