English Edition
Dhivehi Edition

ކާމޭޒުދޮށުގައި ތަށްޓެއް ތަޅުވާލާ އަޑެއް ވެސް ނީވެއެވެ. އަހަރެން ކިތަންމެ ބަނޑުހައެއް ވިޔަކަސް ކެއުމުގެ ރަނގަބީލު ނުޖަހަނީސް ކާމޭޒުދޮށަކަށް ނުދަމެވެ. އެއީ ފެށުނީއްސުރެން މިގޭގައި އޮންނަ އާދައެވެ. ކައްކަން ދެމީހުން ތިބެއެވެ. ކާން ހަދަން މީހަކު އުޅެއެވެ. ގޭގައި ޖެހޭ އެހެނިހެން ކަންތައް ކުރަން އެކިވަރުގެ އެހީތެރިން އުޅެއެވެ. އަހަންނަށް ކުރީގައި އޮންނަނީ ކިޔެވުމެވެ. މިހާރު އޮންނަނީ ބައްޕަ ދެއްވާ ރިސޯޓްގެ މަސައްކަތް ކޮމްޕިއުޓަރަށް ލުމެވެ. އެނޫންކަމެއް ގެޔަކު ނުޖައްސައެވެ.

ތަނަވަސްކަން ކިތަންމެ ބޮޑަސް އަހަރެން ހުންނަން ޖެހެނީ ގިނައިރު ފޫހިވެފައެވެ. އެކީގައި ކުޅޭނެ ކޮއްކޮއެއް، ވާހަކައެއް ޝެއާ ކޮށްލާނެ ބޭބެއެއް ނުހުންނާތީއެވެ. ދޮންމަންމަ އިންނާނީ ރައްޓެހިންނާއެކު ޓީވީ ބަލާށެވެ. ބައްޕަ އުޅުއްވާނީ އެއް ރިސޯޓުން އަނެއް ރިސޯޓުންނެވެ. ގޭގައި ހުރިހާ އެންމެން ހަމަވާނީ ހުކުރު ދުވަހުއެވެ. އެދުވަހު ކާން ޖެހޭނީ އެންމެން އެއް މޭޒުގައެވެ. އެހެންނަމަވެސް އެއީ އެންމެ ކާހިތް ނުވާ ދުވަހެވެ. އެއީ ކިނާނަތުވެސް ކާން އައިސް އިންނަ ދުވަހެވެ. އެންމެ ފޫހިވަނީ ކިނާނަތާ ޖެހިގެން އަހަރެންގެ ގޮނޑި ހުންނާތީއެވެ.

ކިނާ އަކީ އެންމެންގެ ފޭވެވެ. ދޮންމަންމަ މާ ލޯތްބެއްވާ މީހެކެވެ. ގެޔަށް އައީ ކިޔަވާ ކުއްޖެއްގެ ގޮތުގައެވެ. ކިޔަވާ ނިމިގެން ޑިގްރީ ނަގައިގެން މިހާރު ގޭ މީހަކަށް ވެއްޖެއެވެ. އަހަންނަށް ވުރެންވެސް ގެޔަށް ގަދަ ވެއްޖެއެވެ.

ކިނާ އައި އިރު އަހަރެންގެ އުމުރުން 9 އަހަރެވެ. އޭނާއަށް 12-13 ވަރަކަށް އަހަރެވެ. އެހެންނަމަވެސް އޭރުވެސް ހުންނަނީ ދިގު އޮނެއްހެން ނެވެ. ކުރީކޮޅު އަހަރުމެން އެކީ ސަކަރާތްގަނެ އެކަކު އަނެކަކަށް ލަނޑުދީ އެކުގައި ކުޅެ އުޅުނީމެވެ. އަހަރުތައް ފާއިތުވެ އޭނާގެ ސްކޫލް ނިމުނުއިރު އޭނާ ވަނީ ކިޔެވުމުގެ ރޮނގުން މާ ކުރީގައެވެ. އޭރުވެސް ގޭގައި އެންމެ ބަސްވިކެނީ އޭނާގެ އެވެ. އަހަރެން ތަނަކަށް ދާން ބޭނުން ވިޔަސް ކާރު ގެޔަކު ނޯވެއެވެ. އޭގައި ކިނާ ގޮސް އުޅޭނީ ބޭރުގައެވެ. ހިމަތޮޅިއަަކަސް ކުޅިވަރަށް މޮޅުކަމުން ހަށިގަނޑު ހުންނަނީ ނިކަން ހެޔޮވަރުވަރަކަށެވެ. އަހަރެންގެ ކްލާސްމޭޓުން އޭނައާ ހެދީ ތިބެނީ މޮޔަވެފައެވެ. މާލެއައި އިރު ކަޅަކަސް މިހާރު ހުންނަނީ ހެޔޮވަރުގެ މުށި ކުލައެކެވެ. ބައެއް ފަހަރު އިސްތަށިގަނޑު ސްޓައިލް ކޮށްލާފައި ހުންނަ ގޮތުން ކޮންމެވެސް ހިންދީތަރިއަކާ ވައްތަރުވެގެން އެކުދިން އެކިނަންތައް ކިޔާ އުޅެއެވެ. މިހެން ކަމުން އޭނާ ހުންނަނީ ނިކަން ފޮނިވެފައެވެ.

އަހަރެން ރުޅިއަންނަން ފެށީ މިކަހަލަ ކަންތަކާ ހެދިއެވެ. އޭނާ އަހަންނަށް ބަލަނީ ކުޑަ ކުއްޖެއް ފަދައިންނެވެ. ނުވަތަ ނުވިސްނޭ މޮޔައެއް ހެންނެވެ. އަހަންނަށް ވަނަމަކަށް އޭނާ ކިޔާއުޅޭނީ ދޮން ހޯނެވެ. އެއީ އަހަރެން އޭރު ހިކިވެފައި ދޮންވީމައެވެ. އަދި އަހަރެންގެ ނަމާގުޅޭތީޔޯ އެވެ. އަހަރެންގެ ނަމަކީ ހަނާ އޭ ކިތަންމެ ފަހަރަކު ބުނީމެވެ. އެއަޑު އޭނައެއް ނޭހިއެވެ. ބުނާ ކޮންމެ ފަހަރަކު އޭނާ ކިޔާނީ “ހޯނު” މިހެންނެވެ. އަހަރެންވެސް ކިޔަނީ ވަނަމެކެވެ. ކުނާއެވެ. ނުވަތަ ކުނާގަނޑެވެ.

އަހަރެންގެ އުމުރުން 20 ފުރެން އޮތީ ދެތިން މަހެކެވެ. އޭލެވަލް ނިމުނީމާ ބައްޕަމެން ކިނާ މެލޭޝިއާއަށް ފޮނުވިއެވެ. އެކަމަކު އަހަރެން ކިޔަވަން ޖެހުނީ ވިލާކޮލެޖުންނެވެ. ބައްޕަމެން އަހަރެން ނުފެންނަ ހިސާބަކަށް ފޮނުވާކަށް ގަބޫލެއް ނުވިއެވެ.

“ކިޔެވޭނީ އެކައްޗެއް.” ބައްޕަ ބުނުއްވިއެވެ. “ކިނާ ފޮނުވީ ފިރިހެން ކުއްޖެއްވީމަ.” އެއީ ބައްޕަ ދެއްވި ޖަވާބެވެ. އެކަމަކު ކިނާއަކީ ބައްޕަގެ ދަރިއެއްވެސް ނޫނޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ހުރީ ނިކަން ދާހިތުންނެވެ. އެ ފުރުސަތުވެސް އަންހެން ކުއްޖެއްވީމާ އެ ގެއްލުނީއެވެ.

ކޮލެޖް ނިމުމުން އަހަންނަށް ޖެހެނީ ރިސޯޓްތަކުގެ ކަންތައް ހިނގާގޮތް އެނަލައިޒްކޮށް ބެލެހެއްޓުމެވެ. އެއީ އަހަރެން ދަސްކުރި މާއްދާވެސް މެއެވެ. އެނަލިސްޓެއްގެ މަސަައްކަތަކީ ބުރަވެސް މަސައްކަތެކެވެ. މުޅި ދުވަހު ކޮމްޕިއުޓަރ ކާރީގައި އިނދެއިނދެ ހުންނަނީ ބޮލުގައި ރިއްސާފައެވެ.

މިއަދު މިހާ ބަނޑުހައެއް ވާން ފެށިގޮތެއް ނޭނގެއެވެ. އެހެންވެ ބަދިގެއިން ކޮންމެވެސް އެއްޗެއް ކާލުމުގެ ބޭނުމުގައި އެތަނަށް ހިނގައްޖެއީމެވެ. ދޮރު ހުޅުވާލިތަނުން ކުރިމަތިވީ އަހަރެން އެންމެ ދެކެން ބޭނުން ނުވި މަންޒަރެވެ. ކިނާ އައިސް ހުރީ ކާން ތައްޔާރު ކުރާށެވެ. ކައްކާމީހާ މިއަދު ބަލިވެގެން ތަނަކުން އޯޑަރަށް ކެއުން ގެނައީއެވެ. ގޭގައި ކިތަންމެ އެހީތެރިން ތިއްބަސް މިކަހަލަ ކަމެއްވިއްޔާ ދޮންމަންމަ ހަވާލު ކުރާނީ ކިނާއާއެވެ. ކިނާއަކީ އަބަދުވެސް އޮގަނައިޒަރެވެ. އޭނާ ގެނަސްފައި ހުރީ އަހަންނަށް އެންމެ މީރު ކެއުމެވެ. ސްޕެގެޓީއެވެ. އަދި ކްރީމް އޮފް ޗިކަން ސޫޕާއި އެނޫންވެސް ކުޅު ދިޔާވާކަހަލަ އެތައް ޑިޝްއެކެވެ.

ކިނާ ހުރިތަން ފެނުމުން އަހަރެން އަވަހަށް ނުކުމެއްޖެއީމެވެ. މިހާރަކަށް އައިސް އަހަރެން ބަލަނީ ކިނާއަށް ނުފެނި އުޅެވޭތޯއެވެ. އެއްގެއެއްގައި އަބަދު ދިމާވެ އުޅޭއިރުވެސް އަނގައިން ނުބުނާތާ އެތައް ޒަމާނެއް ވެއްޖެއެވެ.

ކިނާއަށް އޭނާ ދެކެ އަހަރެން ނަފްރަތުވާކަން އެނގެއެވެ. އެކަމަކު އޭނާ އެކަމަކާ އަޅައެއް ނުލާނެއެވެ. އެނގޭކަމަކަށް ވެސް ނުހަދައެވެ. ފުރުސަތެއް ލިބިއްޖެއްޔަ ކޮންމެވެސް އެއްޗެކޭ ކިޔާފައި ވާހަކަ ދައްކަން އުޅޭނެއެވެ. އަހަރެން ހިނިއަންނަޒާތުގެ ކަންތައް ކުރާނެއެވެ. އެހެންނަމަވެސް އަހަރެން ހަމަ ހިތްވަރުކޮށްލާފައި އޭނާ ހުންނަ ތަނެއްގައި ނުހީނ ވޭތޯ ބަލަނީއެވެ. ކޯސް ނިންމާފައި އައިފަހުން ދޮންމަންމަމެން ކިނާއާ އަދި މާ ކާރި ބޮޑެވެ. މިހާރު ހީވަނީ ގޭގެ ވެރިޔަކީވެސް ބައްޕަ ފިޔަވައި އެއީ ހެންނެވެ. މިއަދުވެސް ދެން މި ޖެހުނީ ނުކައި ހުންނާށެވެ. މޭޒުދޮށުގައި ދޮންމަންމައާއި ކިނާ އެތައް އިރަކު ވާހަކައިގައި ތިބޭނެއެވެ. އެމީހުން ނިމިގެން ކާން ހުރެއްޖެއްޔާ އެދުވަހު އަސުރުވަގުތު ނުވަނީހެއް އެތަނެއް ހުހެއް ނުވާނެއެވެ.

އެވަގުތު އަހަންނަށް މޮޅު ޚިޔާލެއް އަތުވެއްޖެއެވެ. ކިނާ އުޅެންޏާ ކާރު އޮންނާނެއެވެ. އެހެންވެ އަވަހަށް ކާރުގައި ނައްޓާލަންވީއެވެ. ކާރު އޮންނާނީ ތަޅުލާފައި ކަން އެނގެއެވެ. އެހެންނަމަވެސް އަހަރެންގެވެސް ވަކި ބުއްދި ކުޑައެއް ނޫނެވެ. އަހަރެން ވަނީ ލިބުނު ދަނޑިވަޅަކު ކާރުގެ ތަޅުދަނޑިއެއް ހައްދާފައެވެ. ދޮންމަންމަ ގާތު އެބައަންނަމޭ އަހަރެން ބުނީ ކިރިޔާ އަޑުއިވޭ ނީވޭ ވަރަށެވެ. އިވިއްޖެއްޔާ ދޮންމަންމަ ސުވާލު ކުރާނެއެވެ. ދިޔަ ނުނީ ހިފަހަށްޓާނެއެވެ. މިއުމުރުގައިވެސް ގެއިން ނޫންތަނަކުން ކެއުން އެއީ ހަމަ މުޅީން މަނާކަމެކެވެ. ބޭރަށް ދެވޭނީ ގޭ މީހަކާ އެކުގައެވެ.

އަހަރެން ދިޔައީ ބެސްޓްފްރެންޑް ސޯނީގެ ގެޔަށެވެ. އޭރު އޭނާގެ ބިޓާ އެއްކޮށް ބޭރަށް ނައްޓާލަން ތައްޔާރުވަނީއެވެ. އެ ފުރުސަތު ހިމެނުނީ ދިމާވި ރަނގަޅު އިއްތިފާގަކަށެވެ. އެމީހުންވެސް ދާން ނުކުންނަނީ މެންދުރުގެ ކެއުމަކަށެވެ. އަހަރުމެން ދިޔައީ ސަލްސާއަށެވެ.

މުޅި ތަނުގައި ތިބީ ޖޯޑުޖޯޑެވެ. އަހަރެން ނޫން އެ އުމުރުގެ ކުއްޖަކު ހުހަކަށް ނެތެވެ. ސޯނީ އެކަމާ އަބަދުވެސް ޖައްސާލާނެއެވެ. “ހަނާއަށް ބިޓެއް ހޯދަން ހަވީރުނޫހުގައި ޖަހަންވެސް ވެއްޖެ.” އޭނާ ހެމުން ރުމީން ގާތު ބުންޏެވެ. “ވާގޮތަކީ ހަނާއަށް ކަމުދަނީ ކިނާ!”

އެއީ ރައްޓެހި ހުރިހާ ކުދިންވެސް ކިޔާއެއްޗެކެވެ. އެމީހުންނަށް ކިނާ ކަމުދާތީއެވެ. އޭނާ ހެންޑްސަމް ކަމުންނެވެ.

އަހަންނަށް ވެސް ބިޓުން ނުލިބޭނީއެއް ނޫނެވެ. މައްސަލައަކީ އަހަންނަށް ދިމާވާ އެކަކުވެސް ކަމުނުދާތީއެވެ. ހިތްހަމަ ޖެހޭ ގޮތެއް ނުހުންނާތީއެވެ.

ކިނާގެ އެހުންނަނީ އަހަރެންވެސް އެންމެ ހިތްއެދޭ ކަހަލަ ސިފަތަކޭ އަހަރެންގެ ހިތަށް އަބަދު އަރައެވެ. ކިނާނޫން އެހެން މީހަކު އެ ސިފައިގައި ހުރެއްޖެއްޔާ އަހަރެން ހިތުން ރުހުމުން ރައްޓެހިވެދާނަމެވެ. އެކަމަކު ކިނާއަކާ ރައްޓެއްސެއް ނުވެވޭނެއެވެ. އޭނާއަކީ ބީރައްޓެއްސެކެވެ. ރައްޓެހިން ކިހާ މަލާމާތެއް ކުރާނެ ހެއްޔެވެ؟ އެކަން ހިތަށް ވެސް އަރުވަން އުޅޭނެ ކަމެއް ނެތެވެ. އެހެން ނޫނަސް އެއަށް ވުރެން އަހަރެން ނަފްރަތު ކުރާ އެކަކުވެސް މިހާރަކު ނެތެވެ.

ކެއުން ނިންމާލާފައި އަވަހަށް ގެޔަށް އަތުވެއްޖެއީމެވެ. ކުރީގައިވެސް ހީކުރިހެން ކުރިމަތިލާން ޖެހުނީ ދޮންމަންމަގެ ސުވާލުތަކާއި ލެކްޗަރު ތަކާއެވެ. އެއަށް ވުރެންވެސް އުނދަގޫވީ ކިނާގެ ހަރުކަށި ލޮލުން ކަޅިޖަހާނުލާ ބަލަން އިނީތީއެވެ.

ދޮންމަންމަ އެބުނަނީ ހަމަ ބައްޕަވެސް ބުނުއްވާ ވާހަކައެވެ. އަހަރެން އެކަނި ނުކުމެ ނޫޅުމަށެވެ. ތަނަކަށް ދާން ވެއްޖެއްޔާ ގެއިން މީހަކާއެކު ދާށެވެ. ރަށުތެރޭގައި ހުރިހާ ދިމާއެއްގައި ވަނީ ނުރައްކަލެވެ. ޒުވާން އަންހެން ކުއްޖަކު ނުދެނެ ހުއްޓާ ކިތަންމެ ނުރައްކާތެރި ވަޅުގަނޑަކަށް ވެސް މިހާރު ވެއްޓިދާނެއެވެ. ކިތަންމެ ރައްޓެއްސަކަސް އިތުބާރު ކުރެވޭކަށް ނޯވެއެވެ. ބެހިގެން ދާކަށް ގެއްލި މަގުއޮޅޭކަށް ގިނަ އިރެއް ނުވެއެވެ. އަހަރެން ކޮޓަރިއަށް ވަދެ އެތެރޭން ތަޅުލައިފީމެވެ. އެހެންނަމަވެސް ބައްޕަ ދުރުވުމުން މިލެކްޗަރ ތަކުރާރުވާނެ ކަން އަހަންނަށް އެނގެއެވެ.

މެންދުރުފަހު ކުޑަ ރެސްޓެއް ނެގުމަށް ފަހު ނުނިމި ހުރި ބައެއް މަސައްކަތް ނިންމުމަށް ލެޕްޓޮޕް އޮންކޮށްލައިފީމެވެ. އެއާއެކު މިގަޑީގައި މިހާރަކަށް އައިސް އަންނަ “ހައި” އަތުވެއްޖެއެވެ. އެއީ “ޕްރިންސް” އެވެ. އަހަރެންގެ ނިކަކަށް ފޭސްބުކްގައި އޮންނަނީ “ޕްރިންސަސް ހަނާ” އެެވެ. ޕްރޮފައިލްގައި ހުންނާނީ ނެޓުން ނަގާފައި ހުރި ފޮޓޯއެކެވެ. އެއީ އަހަންނާ އެންމެ ވައްތަރު ސްޓާރަކަށް ފެނުނު އެކްޓްރެސް ވީމައެވެ. އަސްލު ފޮޓޯ ލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ރައްޓެހިންނެއްވެސް އިތުރު ކުރަން ބޭނުން ނުވީމައެވެ. ރިކްއެސްޓްތައް މެދު ނުކެނޑި އާދެއެވެ. އެހެންނަމަވެސް މި ޕްރިންސް އަހަރެން އެޑްކޮށްފައިވަނީ މީގެ މަސްތަކެއް ކުރީއްސުރެއެވެ. އެވެސް ފޫހި ފިލުވާލުމަށެވެ. އަހަރެން އޭނާ އެޑްކުރީ ކާކުކަން އެނގިގެނެއް ނޫނެވެ. އެއީ އަހަރެން މީ ޕްރިންސަސް ވީމައެވެ. މިކަމާ ހިތާހިތާ ހެމުންނެވެ. އޭނާ އެޑް ކުރިއިރު އަހަރެންގެ ހިތަށް އެރިއެވެ. މާ ބޮލަށް އުނދަގޫވަންޏާ ޑިލީޓް ކޮށްލާނީއެވެ. އެހެންނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ. ޕްރިންސް ވީ ވަރަށް ބޮލަށް ފަސޭހަ ގުޅުން ބާއްވާ ހިތްވާ ކަހަލަ މީހަކަށެވެ. އަހަރެންނާ ބެހޭ ޒާތީ ކަންތަކެއް އޮޅުން ފިލުވާކަށް ނޫޅެއެވެ. އަސްލު ފޮޓޯ ހޯދާކަށް ވެސް ނޫޅެއެވެ. އަދި ރައްޓެހިވާކަށް އެބާވަތުގެ ވާހަކައެއް ވެސް ނުދައްކައެވެ. ކޮންމެ ދުވަހަކުވެސް “ހައި”ގެ ފަހުން ކައިފިންހޭ، ކެއީ ކޮންޗެއްހޭ އަހާނެއެވެ. އަހަރެންވެސް އެބާވަތުގެ ވާހަކަ ދައްކަމެވެ. އަދި މިއަދު ކުރި ކަންތައްވެސް ބުނެލީމެވެ. އެކަން އޭނާއަށް ވެސް ވީ މަޖަލަކަށެވެ. އެކަމަކު އެގޮތަށް އެކަނި ބޭރަށް ނުދިއުމަށް އޭނަވެސް ވިސްނާ ދިނެވެ. އޭނާއަށް އަހަންނާ ބެހޭ އެބާވަތުގެ ހުރިހާ އެއްޗެއް މިހާރު އޮންނާނީ އެނގިފައެވެ. އަހަންނަށް މީރު ކެއުމާއި ރީތި ކުލައާއި މިހެންގޮސް ހިތަށް އަރާ ޖަވާބު ނެތް ސުވާލުތައް ވެސް އޭނާގެ ގާތުގައި ބުނެވިފައިވާނެއެވެ.

ޕްރިންސް އަކީ އަހަންނަށް ބޭބެއެއްގެ މަދުކަން ފުރިހަމަ ކޮށްދޭ މީހަކަށް ވެއްޖެއެވެ. ދިމާވާ ހުރިހާ އުނދަގުލަކާއި ހިތުގައި ހިނގާ ޝުއޫރުތައް ކިޔާ ދެވެއެވެ. ޕްރިންސްއާ ދިމާވުމުން ވަރަށް ފޫހިފިލަންވެސް ފަށައިފިއެވެ. އަދި ދިމާ ނުވެއްޖެއްޔާ މިސްވާން ވެސް ފަށައިފިއެވެ.

މިއީ ކުރީގައި ވެދާނެކަމަށް އަހަރެން ހީކޮށް ހުރި ކަމެއް ނޫނެވެ. އޮންލައިނުން ރައްޓެހިވުމަކީ ބޭކާރު ކަމެއް ކަން އެނގެއެވެ. އެކަމަކު ޕްރިންސްއަކީ ވަރަށް ތަފާތު މީހެކެވެ. ވަރަށް އޯގާވެރިއެވެ. އެހާ އަހާ ހިތްވާ ކަހަލަ ވާހަކަ ދައްކައެވެ. ހެއްވާ ނުލާ އެއްފަހަރުވެސް ނުދެއެވެ. އަހަރެން ޕްރިންސްއާ ބައްދަލު ކުރަން ބޭނުންވާން ފަށައިފިއެވެ. އަބަދު އޭނާގެ ޚިޔާލު ކުރެވެން ފަށައިފިއެވެ. ޗެޓްގައި އެތައް އިރެއް ހޭދަވެއެވެ. އެހެން ކަމުން ކޮޓަރިން ނުނުކުމެ އިނަސް ފޫއްސެއްވެސް ނުވެއެވެ.

ޕްރިންސްގެ ޕްރޮފައިލްގައިވަނީ އަހަރެން އެންމެ ހިތްއެދޭ މީހެއްގެ ހުންނާނެ ކަހަލަ ފޮޓޯއެކެވެ. އެކަމަކު އޭގައި މޫނެއް ނުފެނެއެވެ. ހުރީ ފުރަގަހުންނެވެ. ޖެކެޓެއް ލާފައި ގިރުއާނު އުފުލާލާފައެވެ. އެހެންނަމަވެސް ފެންނަން ހުރި ބައިތައް ވަރަށް ހިތްގައިމެވެ. ފޮޓޯއަކަށް ފުރަތަމަ އެދުނީ އަހަންނެވެ. ބައްދަލުކުރަން ހުށަަހެޅީވެސް އަހަންނެވެ. ގޭގެ ނަމާއި އަހަރެންގެ އަސްލު ނަންވެސް ބުނީމެވެ. އަހަރެންގެ 20 ވަނަ އުފަން ދުވަހު ގެޔަށް އަންނަން ޕްރިންސަށް ދައުވަތު ދިނީމެވެ.

ޕްރިންސް ވިސްނާދިނެވެ. ޗެޓުން ދިމާވާ މީހުންނާ އަސްލު ގުޅުމެއް ނުބޭއްވޭނެއެވެ. އެއީ ޚިޔާލީ ބަޔެކެވެ. ހުވަފެނެކެވެ. އެހެންނަމަވެސް ޕްރިންސަކީ އަހަރެންނަށް ހަމަ އަސްލެވެ. އެއަށް ވުރެން އަހަރެން ހިތްއެދޭނެ މީހަކު ނެތެވެ. އެއަށް ވުރެން ބޮޑު ހަދިޔާއެއް އުފަން ދުވަހަކަށް އަހަންނަށް ލިބުމަކަށް ނޭދެމެވެ.

އަހަރެން ގަޑި ކީމެވެ. އަންނާށޭ ބުނީމެވެ.

“ނާ އުންމީދުވާން ތައްޔާރަށް ހުރިއްޔާއެވެ.” އޭނާ ބުނެލިއެވެ. “ކާކުކަން އެނގުނީމާ ރުޅި ނުވާނެ ނަމައެވެ. ”

އަހަރެން ނާ އުންމީދެއް ނުވާނެއެވެ. ރުޅިއެއްވެސް ނުވާނަމެވެ. ކޮންމެހެން ވެސް އަންނައްޗޭ އަހަރެން ބާރުލާ ބުނީމެވެ.

“އެއީ ތަންކޮޅެއް ބިޒީވެސް ދުވަހެއް.” އޭނާ ވައުދެއް ނުކުރިއެވެ. ނާންނާނަމެކޭވެސް ނުބުންޏެވެ. އެހެންކަމުން ޕްރިންސް އަންނާނެ ކަމަށް އަހަރެން ޔަގީން ކުރީމެވެ. އެވަރުންވެސް އޭނާގެ ނަމެއް ވެސް އަހައެއް ނުލަމެވެ. ޕްރިންސް ފެންނަ އިރަށް އަހަންނަށް އެނގޭނެޔޭ އަހަރެންގެ ހިތަށް އެރިއެވެ.

އަހަރެންގެ އުފަންދުވަހުގެ ތައްޔާރީތައް ކުރެވެމުން ދިޔައެވެ. އެކަމުގައި އިސްވެ ހަރަކާތްތެރިވަމުން ދިޔައީ ކިނާއެވެ. ކަންތައް އޮގަނައިޒް ކުރުމަށް އެއީ ހަމަ އެއްވަނައެވެ. ނަފްރަތު ވިޔަސް ރަނގަޅު ސިފައެއް ގަބޫލު ކުރަންވެސް ޖެހެއެވެ. ގެ ހީވަނީ ހަމަ އަސްލު ޕްރިންސަސްއަކަށް ތައްޔާރު ކުރެވިފައިވާ ހެންނެވެ. ދޮންމަންމައޭ ކިޔަކަސް ސަކީނާ އެއީ ހަމަ މަންމައެވެ. ދޮންމަންމައެއް ކަމަށް ބަލަނީ އަހަރެންގެ ހުންނަ ބޯ ހަރުކަމުންކަމަށް ގަބޫލު ކުރަން ޖެހެއެވެ. އެދުވަހަށް ޚާއްސަ ހެދުން ދޮންމަންމަ ތައްޔާރު ކުރުވިއެވެ. ޚާއްސަ ގޮތަކަށް ހެއަރ ސްޓައިލް ކުރުވިއެވެ. ޚުދު އަހަންނަށްވެސް އަހަރެން އޮޅޭހާ ޗާލު ކުރުވިއެވެ.

ޕާޓީއަށް ހުރިހާ ރައްޓެހި ކުދިން އައިސް ތިއްބެވެ. ލިބުނު ހަދިޔާތައް ބައިވަރެވެ. ފަނަރަވަނަ އަހަރީ ދުވަހަށް ވުރެން މިއަދު މާ ފުރިހަމައެވެ. ހިތަށް އަރަނީ މިއަދަކީ އަހަރެންގެ ހަޔާތުގެ ޒުވާންކަން ފުރިހަމަ ވާ ދުވަސް ކަމުގައެވެ. އަހަންނާ ޕްރިންސް ހަގީގަތުގައި ގުޅޭ ފުރަތަމަ ދުވަހަކީވެސް މިއީއެވެ.

އަހަރެންނަށް ހަމަ ބެލެނީއެވެ. މިއަދު ކިނާވެސް ހުރީ އާދައާ ޚިލާފަށް ހެދިލާފައެވެ. ރީތި ޖެކެޓެއްލާފައި ހުންނަ އިރު އަދި މާ ހެންސަމް ކަމަށް ދައްކައެވެ. ދޭތެރެއަކުން އަހަންނަށް އެ ބަލާލާ ގޮތުން ނޭނގި ނަމަވެސް އަހަރެންގެ ހިތުގެ ވިންދު އަވަސް ވެއެވެ. އެހެންނަމަވެސް އެއީ ހަމަ އެކަނި އަހަރެންގެ ޕްރިންސަށްޓަކަށް ހިތް ތެޅޭ ތެޅުމެއް ކަމަށް އަހަރެންނަށް އިހްސާސްވިއެވެ. އެއީ ޕްރިންސް ލާފައި ހުންނަ ކަހަލަ ޖެކެޓެއް އޭނާވެސް ލާފައި ހުރީމައެވެ.

ވަގުތު ހޭދަވާވަރަކަށް އަހަރެން ނާއުންމީދުވިއެވެ. އޭނާ ނައިތާނގައި އެސްއެސްއެމް އެއް ފޮނުވާލިނަމައެވެ. އަހަރެންގެ ލޯ ފެންކަޅިވާން ފަށައިފިއެވެ.

އެވަގުތު ފޯނު ބީޕް ކޮށްލިއެވެ. އަހަންނަށް އުފަލުން ފުންމައިގަނެވުނެވެ. ބަލާލިއިރު ނުދަންނަ ނަމްބަރެކެވެ. “މީ ޕްރިންސް. އަހަރެން މިހިރީ އައިސް. ހަމަ ކާރީގަ.”

އަހަރެން ވަށައިގެން ހޯދައިފީމެވެ. ބަލާބަލާވެސް ޕްރިންސެއް ނުފެނުނެވެ. ކާރީގައި ހުރީ ކިނާއެވެ. އޭނާ ހުރީ އަހަންނަށް ބަލަހަށްޓައިގެން އަހަންނާ ޖެހޭ ހިސާބުގައެވެ. އެއްކަލަ ލާނެތް ގޮތަށް އެއް މިޔަކަނުން ހެވިފައެވެ.

“ހޯނު” އޭނާ މަޑުމަޑުން ގޮވާލިއެވެ.
“ކުނާ!” އަހަންނަށް ވެސް ބުނެވުނެވެ. އަހަރެން އަވަހަށް މޫނު އަނެއް ފަރާތަށް އަނބުރާލީމެވެ.

“ކީކޭ ޕްރިންސަސް!” އަހަރެން ދިޔައީ ސިއްސައިގެންނެވެ. ލިބުނު ހައިރާން ކަމުގެ ތެރޭގައި ހުއްޓާ އޭނާ އަހަރެންގެ އަތުގައި ހިފައި އޭނައާ ދިމާއަށް އަނބުރާލިއެވެ.

އަހަރެން އަތް ދަމައިގަންނަން ލީބާރަށް ވުރެން އޭނާ ހިފެހެއްޓިލެއް ބާރެވެ.

“ޕްރިންސަސް ބުނީމެއްނު ރުޅިއެއް ނުވާނަމޭ.!” އޭނާގެ ލޮލުގައިވަނީ ސީރިއަސް ކަމެއް މަލާމާތެއް ކަމެއް އަހަންނަކަށް ނޭނގުނެވެ.

އަހަރެންގެ ހަރަކާތް ހުއްޓުނީ އެވަގުތުއެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިތަށް ތޫފާނެއް ވެރިވިއެވެ. ޕްރިންސަކީ ކިނާކަން އެނގުމުންނެވެ. މިއޮތްހާ ދުވަހު ހިތުގެ ހުރިހާ ސިއްރުތަކެއް ބޭޒާރު ކުރެވުނީ އޭނާގެ ގާތުގައި ކަމަށް ވާތީއެވެ. އަހަރެންގެ ފުރަތަމަ ލޯބި އުފެދުނު ޕްރިންސަކީ އޭނާ ކަމަށް ވާތީއެވެ. ގޮތް ހުސްވީވަގުތު އެންމެން އަތްތިލަ ބަޑި ޖަހައިގަތެވެ.

“މިއަދުގެ ސަރޕްރައިޒް އަކީ ކިނާއާ ހަނާގެ ކާވެނި އިއުލާން ކުރެވުން!” ދޮންމަންމަ ހެމުން މިކަން އިއުލާން ކުރިއެވެ. ބައްޕަވެސް ހެވި ދިލިފައި ހުންނެވިއެވެ. ކިނާ އަހަރެންގެ އަތުގައި ހިފައިގެން ހުރެ ކޭކު ފެޅިއެވެ. ހަދާނެގޮތް ހުސްވެ މަޖްބޫރުން އުއްބައްތިތައް ނިވަން އުޅުނީމެވެ. އެހެންނަމަވެސް އަނގައަކުން ވައެއް ނުނުކުތެވެ. ނިވާލަ ދިނީ ކިނާއެވެ.

އަހަރެން ރަކިވީވަރުން ކަމެއް ވީ އުފަލުން ކަމެއް ވީ ނަފްރަތުން ކަމެއް ލިބުނު ޝޮކަކުން ކަމެއް ވީ ލޯބިން ކަމެއް ނޭނގި އަވަހަށް އެތަނުން ގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތީމެވެ. އަހަރެން ވިސްނާ ވިސްނާ އެހެން ނަމެއް އެހެންކަމެއް އެހެން ޚިޔާލެއް އަހަންނަކަށް ނައެވެ. އަހަރެންގެ ހުރިހާ ދިމާލެއްގައި ވަނީ ކިނާއެވެ. “ކިނާ، ކުނާ ، ކުނާގަނޑު، ޕްރިންސް” އަހަރެންގެ ހިތަކުން މިނަމެއް ނުފިލިއެވެ.

ދުނިޔޭގެ ކަންތައް ހުންނަ އުސޫލަކީވެސް މިއީތާއެވެ. އަގުބޮޑު އަލިމަސް ކަނޑަނީ ހިލަގަނޑަކުންނެވެ. ސާފު ރަތުރަން ނަގަނީ ކިސަޑައިގެ ތެރެއިންނެވެ. ބަލާލަން ރީތި ހިތްގައިމު ފިނިފެންމާ ފޮޅެނީ ކަށިގަސްގަނޑަކުންނެވެ. ކޮންމެ ރަށަކުން ކޮންމެ ނަސަބަކުން އައިސް ހުއްޓަސް ކިނާއަކީ ހުރިހާ ގޮތަކުންވެސް ހަމަ އެއްވަނައެވެ. އަހަރެން އޭނާދެކެ ވެވުނު ނަފްރަތަކީ ހަގީތަތުގައި އޭނާ ދެކެ ވެވުނު ލޯބިކަން އޭރަކު ނޭނގެއެވެ. ރަންމުތެއް ހޯދަން މުޅިދުނިޔެ ހޯދާ ވަރުބަލިވެގެން އައިސް ބަލާއިރު މުތް އޮންނަނީ ގޭ ބޮޑުފޮށީގައޭ މީހުން ބުނަނީ މިކަހަލަ ކަންތައް ދިމާވުމުންނެވެ.

ކޮންމެ ގޮތެއްވިޔަސް ކިނާއަކީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. އަދި ފުރަތަމަ ނަފްރަތުވެސް މެއެވެ. އެހެންނަމަވެސް ކުރިޔަށް އޮތީ ފޮނި އުންމީދުތަކެވެ. އުފާވެރި ހުވަފެންތަކެވެ.

ނިމުނީ