English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީން ހުސްވެފައިވާ ނާއިބުރައީސްގެ މަގާމަށް ކުރީގެ ރަޖިސްޓްރާ އަހުމަދު ސައުދު އިންތިޚާބު ކޮށްފިއެވެ.

އޭނާ އެ މަގާމަށް އިންތިޚާބުކުރީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.
ޖުމްހޫރީ ޕާޓީގެ ނާއިބުރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެކަމަށް ހަތަރު ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ސައުދުގެ އިތުރުން ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީއާއި، އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދާއި، މަޝްހޫރު ކުޅިވަރު ކުޅުންތެރިޔާ މަރިޔަމް ނާޒިމާއެވެ.

އެ ޕާޓީގެ ނައިބު ރައީސް ކަމުގައި ކުރިން ހުންނެވީ ޑރ. އަބްދުﷲ މައުސޫމެވެ. ނަމަވެސް ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމާ އެކު ޑރ. މައުސޫމް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޑރ. މައުސޫމް އެމަގާމުން އިސްތިއުފާދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ނާއިބުރައީސްގެ މަގާމުގެ އިތުރަށް އެހެން ބައެއް މަގާމުތަކަށް ވެސް ރޭގެ ކައުންސިލް ބައްދަލުވުމުގައި ވަނީ މެންބަރުން އިންތިޚާބު ކޮށްފައެވެ. އެގޮތުން އިސްތިއުނާފު ކޮމިޓީގެ ޗެއާގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދެވެ. އިސްލާމިކް ކައުންސިލުގެ ޗެއާގެ މަގާމަށް އިންތިޚާބު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޒު މޫސާ ނިޒާރު އިބްރާހީމެވެ.

މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުމުގެ އިތުރަށް ޖޭޕީން ވަނީ ގައުމީ އިންތިޚާބުތަކުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް ވެސް ފާސްކޮށްފައެވެ.