English Edition
Dhivehi Edition

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ތާއިދުކޮށް، އެ ޕާޓީގެ ކޮންގްރެސް އިން ގަރާރެއް ފާސްކޮށްފިއެވެ.

ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހުށަހެޅުއްވި އެ ގަރާރު ޖޭޕީގެ ކޮންގްރެސްގައި ރޭ ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާސްކުރިޔަސް އެންމެ ފަހުގެ ގޮތް ނިންމާނީ އެ ޕާޓީގެ ކައުންސިލުންނެވެ.

ޖޭޕީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ނަމަ އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭ ނަމަ އެ ކަމާ މެދު ގޮތް ނިންމާނީ ކައުންސިލުންނެވެ. އަދި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅަނީ އެ ކަމަށް ފުރުސަތު ހުޅުވައިލުމުން ކައުންސިލުގައި ނަގާ ވޯޓަކުންނެވެ.

މި ގަރާރުގައި ވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޖޭޕީގެ ކައުންސިލަށް ލަފާ އަރުވާށެވެ.

މި ގަރާރް ފާސްވެފައި ވަނީ ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ގިނަ ސިޔާސީ ޕާޓީތަކެއް ހިމެނޭ ނިޒާމެއް ގާއިމް ކުރި ފަހުން މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއް އެހެނިހެން ސިޔާސީ ޕާޓީތަކަށް ކާމިޔާބު ކުރެވެނީ ޖޭޕީގެ ތާއީދާ އެކުގައި ކަމަށާއި އެންމެ ފަހުން ޖޭޕީން ވާދަކުރި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީ ދެވަނަ ބުރަކަށް ނުދެވުނީ ކުޑަ ފަރަގަކުން ކަމަށެވެ.

ޖޭޕީ އަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހަކަތަ އާއި ތާއީދު އޮތް ޕާޓީއެއް ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ ޖޭޕީގެ ވެރިކަމެއް ގާއިމު ކުރަން ލިބެން އޮތް އެންމެ ފަހި ފުރުސަތު ކަމަށް ވެސް އެ ގަރާރުގައި ވެ އެވެ.