އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާ ރިލޭޝަން އެންޑް ޑިވެލޮޕްމެންޓް ކޮމެޓީގެ މެންބަރުންނާއި މިއަދު ބައްދަލުކުރަށްވައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ރާއްޖޭގެ ސްކޫލްތަކުގައި މީޑިއާ ކުލަބް އުފެއްދުމާއި، މީޑިއާ ކްލަބްތައް ސްކޫލްތަކުގައި ކުރިއަށް ގެންދިޔުމަށް ދެފަރާތް ގުޅިގެން މަސައްކަތް ކުރުމަށެވެ. އަދި ސްކޫލް މީޑިއާ ކްލަބްގެ މުޙިންމު ކަމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގައި ސްކޫލް މީޑިއާ ކްލަބާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ދެވެންހުރި ހުރިހައި އެއްބާރުލުމެއް ދެއްވާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
މިއަދުގެ މި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު އާޒިފާ، ކައުންސިލް މެންބަރު ރިފާއަތު ރަޝީދު، ކައުންސިލް މެންބަރު އަލީ އަހްސަން އާއި ކައުންސިލް މެމްބަރު އަލީ ރިފްޝާން އާއި ކައުންސިލް މެންބަރު އަހްމަދު އަމީން މުހައްމަދު އާއި ކައުންސިލް މެންބަރު އަޒްމީ އަލީ އަދި ކައުންސިލް މެމްބަރު އަހްމަދު ޖަދުއާން އެވެ.