ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ އާއި އެޑިއުކޭޝަން ދާއިރާގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި ޙާލަތުގައި އެޑިއުކޭޝަން މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކާއި ކިޔަވާކުދިންގެ ކަންކަން ބެލެހެއްޓުމުގައި ކަންކަން އިންތިޒާމުކުރެވިގެން ކުރިޔަށްދާގޮތުގެ މަޢުލޫމާތު ހޯއްދަވާފައެވެ. އެގޮތުން މި ޙާލަތުގައި ސްކޫލުކުދިންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާގޮތާއި އިންތިހާނުތައް ބޭއްވުން ފަދަ ކަންކަމާމެދު ޢަމަލުކުރާނެ ގޮތްތަކާއި އަދި ދަރިވަރުންގެ ކަންކަން މި ދުވަސްވަރު ބެހެއްޓުމަށް ރޭވިފައިވާ އިންތިޒާމުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން މިޙާލަތުގައި ޓީޗަރުންނާއި އަދި ދަރިވަރުންނަށް އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ހުރި ދަތިތައް އޮޅުންވިލުއްވައި ޓެލި ކްލާސްތަކާއި އޮންލައިން ކްލާސްތައް ގެންދިއުމުގައި ކަންކަން ރޭވިފައިވާ ގޮތުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހޯއްދެވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަންއާއި އެޑިއުކޭޝަން ދާއިރާގެ އިސްވެރިން ވަނީ ކޮވިޑް-19ގެ ޙާލަތަށްފަހު ސްކޫލުތައް ހުޅުވޭއިރު ކަންކަން ކުރިޔަށްގެންދާނެ ގޮތުގެ ޕްލޭންތަކާ ބެހޭގޮތުން ވެސް މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން ސްކޫލުތައް ދެން ހުޅުވޭއިރު އިންތިޒާމުކުރަންޖެހޭ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންރޭވިފައިވާ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މިނިސްޓަރ އޮފް އެޑިއުކޭޝަންއާއި އަދި ދާއިރާގެ އިސްބޭފުޅުން މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޙާލަތުގައި މަސައްކަތްކުރާއިރު ތަޢުލީމީ ދާއިރާގެ ހުރިހާ ފަރާތްތަކުންވެސް އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކޮށް ދިމާވާ މައްސަލަތައް ހައްލުކޮށްގެން ކަންކަން ކުރިޔަށްގެންދިއުމަށާއި ޞިއްޙީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ކަންކަން ބައްޓަންކުރައްވައިގެން ކުރިޔަށް ގެންދިއުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.