English Edition
Dhivehi Edition

ކޮވިޑް 19 އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެއން ސްކޫލްތައް ބަންދުވެފައި އޮތުމަށް ފަހު އަލުން ސްކޫލްތައް ހުޅުވައި ކިޔަވައިދިނުމަށް ތައްޔާރުވަމުން އަންނައިރު އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ، ދަރިވަރުންނަށް އައްޑޫބަހުން އަސަރުގަދަ މެސެޖެއް ފޮނުއްވަވައިފިއެވެ.

“‫ދޮންދީޱާމެން އުދުހެމުން އުފާކެރަމުން ލަވަޖަހަމުން އާމެއި ހިތައް ލިބޭ އުފަލުން މަޙްރޫމުވޭހެދީ މިތިބީ ވަރައް ހިއްމޮޅިވެފެއި! އެކުއްދާމެން ފެނޭނެދުވަހަކީ އުފަލުން ހިއް ފުރިއުތުރޭޱެ ދުވަހައް!އިރާދަކުރެއްވިފެހޭ ވަރައް އަވަހައް ބައްދަލަވޭހެއް! ❤️” ސޯޝަލް މީޑިއާގައި މިނިސްޓަރ ދެއްވެވި މެސެޖްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ” ކޮއްޔާމެންނޭ! ތެކުދިންމަތިން ލައްކަވަރަކަށް ހަދާންވެއި! ލޯފިހިމެއިޔަސް ކުދުކުދުކޮކާލެކަށް ލޯމަތިންފެނޭށީ ތެކުދިން! ލޯގޯވާށީ ތެކުދިންބަލާށް! ދޫ ގޯވާށީ ތެކުދިންނާއި ބަހައްކޭއް! ﷲގެ އިރާދަފުޅުން ވަރަށް އަވަހަށް ބައްދަލަވޭހެއް ދީ!” ވިދާޅުވެ މިނިސްޓަރ ގެ އަމިއްލަ ޓުވިޓަރ ގައި ލިޔުއްވެވި މެސެޖް ވަރަށް ފުރިހަމަ އެވެ.

އައު އާންމު ޙާލަތުގައި ސްކޫލްތައް ހުޅުވުމާއި ބެހޭ ގޮތުން މިނިސްޓްރީން ގެންދަވަނީ ތަފާތު ޕްލެޓްފޯމްތަކުގައި ބެލެނިވެރިންނާއި އަދި ދަރިވަރުން ހޭލުންތެރި ކުރުވުމަށާއި މިފަދަ ދުވަސްވަރެއްގައި އެންމެ ރައްކާތެރި ގޮތްތަކަކީ ކޮބައިކަން އަންގައި ދެއްވުމަށް ބުރަކޮށް މަސައްކަތް ކުރައްވަވަމުންނެވެ.

ކޮވިޑްގެ ބަލިމަޑުކަން ނެތް ރަށްރަށުގައި އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ސުކޫލްތައް ހުޅުވަން ނިންމާފައިވާއިރު ސުކޫލްތައް ހުޅުވުން ފޭސްތަކަކަށް ބަހާލާފައިވާ ކަމަށާއި ތުއްތު ކުދިންގެ ކުލާސްތައް ފަށާނީ ފަހުން ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭގެ އިރުޝާދާއެކު ޖުލައި މަހު ކިޔެވުން ފެށިނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ހުރި ޓީޗަރަކު ސުކޫލަށް ނުދާނެ ކަމަށާއި އަދި އަލާމާތެއް ހުރި ދަރިވަރުން ވެސް ސުކޫލްތަކަށް ނުފޮނުވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. މީގެ އިތުރުން ކޮންމެ ދަރިވަރަކުވެސް ސްކޫލް ގޭޓް ކައިރިން،ހުން ޗެކް ކުރުމަށްފަހު ނޫނީ ކްލާސް ރޫމަށް ނުވައްދާނެ ކަމަށައި ސުކޫލަށް ދަރިވަރުން ދާނީ މާސްކް އަޅައިގެން ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ސްކޫލުތައް އަލުން ހުޅުވާއިރު ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ވަނީ ދެއްވަވާފައެވެ.