ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އަށް ވުރެ އިންސާފުވެރިކޮށް ދިވެހިންނާ ދޭތެރޭ ކަންތައްތައް ކުރާނެ ފްލައިން ސްކޫލެއް ލިބޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އޭއޭއޭ އިން އައްޑޫ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް އަންނަ އަހަރު ބަންދު ކުރަން ނިންމާފައިވާތީ ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ރޮޒޭ ޓްވިޓާގައި ވިދާޅުވީ މިހާރުގެ ސްކޫލުން ދިވެހިންނާ ދޭތެރޭ ގެންގުޅޭ ތަފާތުކުރުން ތަކުގެ ވާހަކަ އަޑުއިވުމުން ވަރަށް ކަންބޮޑުވި ކަމަށެވެ. އަދި އެއީ ބަލަން ޖެހޭ މައްސަލައެއް ކަމަށް ރޮޒޭ ވަނީ ވިދާޅުވެފައެވެ.
އައްޑޫ ފްލައިން ސްކޫލުގައި ތަމްރީނު ހޯދާ ދިވެހި ދަރިވަރުންގެ ތަމްރީނު ދިގުދަންމައި އެ ދަރިވަރުންނާ މެދު އެ ސްކޫލުން ވަރަށް އިހާނެތިކޮށް ކަންތައް ކުރާ ކަމަށް ބައެއް ބެލެނިވެރިން ވަނީ ތުހުމަތުކޮށްފައެވެ. އެހެން ނަމަވެސް އޭއޭއޭއިން އެ ވާހަކަތައް ދޮގުކުރެ އެވެ.
އޭއައިއޭ އިން ވަނީ ގަމުގައި ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ.
ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން މި ކުރީ 2010 އިން ފެށިގެން އޭއޭއޭ އިން ހިންގަމުން އަންނަ ފްލައިން ސްކޫލް އަންނަ ޖުލައި މަހުގެ ތެރޭގައި ބަންދު ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވަނިކޮށެވެ.