އެމްޑީޕީގެ ދޮންމަންމައަކަށް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަރަަށް ކަމުދާނެކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ވިދާޅުވި ވިދާޅުވުމަށް ރޮޒެއިނާ ރައްދު ދެއްވަވައިފިއެވެ.
މިކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއި ކައުންސިލް މެންބަރުންނާއި ލީޑާޝިޕްގައި ތިއްބަވާ ބޭފުޅުން ބުލީ ކުރަން އުޅުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށާއި، ހާއްސަކޮށް ސިޔާސީ ދާއިރާގަ އުޅޭ މަދު އަންހެނުންނަށް ފޯކަސްކޮށްގެން ބުލީ ކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ބަސް ބުނަން ކެރުމާއި އެޅިހާ ބަތަކަށް ރިހައިގެ އުސޫލު ނުގެންގުޅުމަކީ ސިޔާސީ ގޮތުން ދޮން މަންމަ ކިޔަންޖެހޭ ސަބަބަކަށް ވަންޏާ އެކަން ދެކޭނީ ފަޚްރެއްގެ ގޮތުގައި ކަމަށް ރޮޒޭ ވިދާޅުވިއެވެ.
“އަޅުގަނޑަށް ބަސް ބުނަން ކެރޭތީ އަދި ބުނަންޖެހޭ ތާކު ބުނާތީ، އެޅިހާ ބަތަކަށް ރިހައިގެ އުސޫލު ނުގެންގުޅޭތީ، އެއީ ސިޔާސީ ގޮތުން އަޅުގަނޑަށް ދޮން މަންމަ ކިޔަންޖެހޭ ކަަމެއް ކަމަށް ވަންޏާ ތިކަންވެސް އަޅުގަނޑު ނަގާނީ ކޮމްޕްލިމެންޓެއް ގޮތުގައި،” ރޮޒައިނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރޮޒޭ ވިދާޅުވީ ސިޔާސީ ދާއިރާއަށް ނުކުތީ އެއްވެސް މީހަކު ކިޔާހާ އެެއްޗަކަށް އާނއެކޭ ކިޔާކަށް ނޫންކަމަށާއި އަދި ބުލީ ކުރާ މީހުންދެކެ ބިރުން ގަބޫލެއް ނުކުރެވޭ ކަމެއް އެންޑޯޒްކޮށްފައި ވާހަކަ ދައްކަން ވެސް އެއްބަސްވެވޭނީ އެކަމެއް ގަބޫލު ކުރެވުނީމަކަމަށެވެ.
” ބުލީ ކުރުމަކީ ސުކޫލުތަކުގަ އެކަނި ހިނގާ ކަމެއް ނޫން . އަޅުގަނޑަށް ސުކޫލުގައި ބުލީނުކުރޭ އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ގޭތެރެއިން އިދިކޮޅުގެ މެންބަރުންނާއި އެއްކޮޅުގެ މެންބަރުންގެ ފަރާތުންވެސް ބުލީކުރުމާއި، މޫނަށް ކުޅުޖެހުން ފަދަ ގިނަ ކަންތައްތައް ވަނީ ކުރިމަތިވެފައި” ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ދޮންމަންމައަކަށް ރޮޒެއިނާ ވަރަަށް ކަމުދާނެކަމަށް އަންވަރު ވިދާޅުވެފައިވަނީ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕުގައި ދެކެވުނު ހޫނު ވާހަކަތަކެއްގެ ތެރެއިންނެވެ.