މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީގުގެ ތަޅުމުގައި އަޑުގަދަކޮށް ހަދަން ފެށުމުން ނަން އިއްވާ، މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި އެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މެމްބަރުން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގެ ވާހަކަ ރައީސް ނަޝީދު ވިދާޅުވުމުން ނިޒާމީ ނުކުތާ ނަންގަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ޖަބީރުވަނީ ސުވާލުކުރައްވާފައެވެ. “މަޖިލީހުގެ ރައީސްކަމަށް މަނިކުފާނު (ނަޝީދު) އިންތިހާބު ވުމުން ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި މަނިކުފާނަށް ލިބުނީ ހެއްޔެވެ؟” ޖާބިރުގެ ވާހަކަ މެދުކަނޑާލައްވައި ނަޝީދު ވިދާޅުވީ، ތިއީ ނިޒާމީ ނުގުތާއެއް ނޫން ކަމަށެވެ. އެހެންނަމަވެސް ޖަބީރު އިށީދެވަޑައިނުގެން ޖާބިރު ވަނީ ތަކުރާރުކޮށް ދައުލަތުގެ ހަޒާނާ އެމަނިކުފާނަށް ލިބުނުތޯ ސުވާލު ކުރައްވާފައެވެ.
33 މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި މި ޖަލްސާގައި ރައީސް ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ޖާބިރަށް ނަސޭހަތްތެރިވެފަ އެވެ. ޖާބިރު އިށީންދެ ވަޑައިނުގެން އަޑުގަދަކުރަން ފެށުމުން ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވަވައިފައެވެ.ޖާބިރު ތަޅުން ދޫކުރައްވައި ވަޑައިގަތީ އިދާރީ މޭޒު ދޮށަށް ވަޑައިގެން ނަޝީދާ ދިމާލަށް އެއްޗެއް ވިދާޅުވުމަށް ފަހު އެވެ. ނަމަވެސް އަޑު ކަނޑާލާފައި ހުރުމުން ޖާބިރު ވިދާޅުވި އެއްޗެއް ސާފެއް ނުވެ އެވެ.