English Edition
Dhivehi Edition
11 މާރިޗު 2020 ވަނަ ދުވަހު ބޭއްވި 19 ވަނަ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

އަމިއްލަ ޚަރަދުގައި ކ. ކާށިދޫގައި އެއާޕޯޓެއް ތަރައްޤީކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ، ޢަބްދުﷲ ޖާބިރު ނިންމަވައިފި އެވެ.

އެގޮތުން ކާށިދޫ ރައްޔިތުންނަށް ޖާބިރު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެ ރަށުގައި އެއާޕޯޓެއް އެޅުއްވުމަކީ އޭނާގެ ކެމްޕެއިންގެ ވަރަށް މުހިންމު ވަޢުދެއް ކަމަށާއި، އެ ރަށުގެ ކުޑަބޮޑު އެންމެހައި ރައްޔިތުންގެ ހުވަފެނެއްވެސް ކަމަށެވެ.

ޖާބިރު ވިދާޅުވީ ކާށިދޫގައި އެއާޕޯޓެއް އެޅިގެންދިއުމަކީ އެ ރަށުގެ ތަރައްޤީ އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް ކަމަށެވެ. މީގެ އިތުރުން އެކަމާއި ގުޅޭ މަޝްވަރާތައް ސަރުކާރުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއެކު ކުރިއަށްގެންދެިވދައިވާ ކަމަށްވެސް އެ ސިޓީގައި ޖާބިރު ފާހަގަކުރައްވާފައި ވެއެވެ.

އެގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢައިޝަތު ނަހުލާ އާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް އާއި މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުއްވާފައިވާ ކަމަށްވެސް އެ ސިޓީގައި ޖާބިރު ވިދާޅުވެފައި ވެއެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވެސް ވަނީ އެކަމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުއްވާފައި ކަމަށާއި، އެކަމަށްޓަކައި އެ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވާ ކަމަށް ޖާބިރު ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ޖާބިރު ވިދާޅުވީ އޭނާގެ އަމިއްލަ ޚަރަދުގައި ކާށިދޫގައި “ޖާބިރު އެއާޕޯޓް”ގެ ނަމުގައި ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް އެއާޕޯޓެއް ތަރައްޤީކޮށް، އެތަން ހިންގުމަށް ނިންމަވާފައިވާ ކަމަށް ޖާބިރު ވިދާޅުވެފައި ވެއެވެ. އެ ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއްބޭފުޅޭއް ކަމަށްވާ އަޙްމަދު މަހުރީން ހަމަޖައްސަވާފައިވާ ކަމަށާއި، ކާށިދޫ ލޭންޑް ޔޫސް ޕްލޭންގައި އެއާޕޯޓް އެޅުމަށް ކަނޑައަޅާފައިވާ ބިން ޖާބިރު އާއި ހަވާލުކޮށް، ރުއްގަހުގެ ބަދަލު ކަންކަން ހަމަޖެއްސުމަށް ކައުންސިލްގައި ދަންނަވާފައިވާނެ ކަމަށްވެސް ޖާބިރު ވިދާޅުވެފައި ވެއެވެ.

“ކައުންސިލްގެ ފަރާތުން މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވަމުންގެންދަވާ ކަމަށްޓަކައި ކައުންސިލްގެ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. މިކަމުގައި ކާށިދޫގެ އެންމެހައި ރައްޔިތުންގެ އެއްބާރުލުން އަޅުގަނޑަށް ބޭނުންވާނޭ ކަމުގައި ދަންނަވަމެވެ.”. އެ ސިޓީ ނިންމަވާލައްވަމުން ޖާބިރު ވިދާޅުވެފައި ވެއެވެ.