English Edition
Dhivehi Edition
ފޮޓޯ: މޯލްޑިވްސް ޓައިމްސް

ސަރުކާރަށް ދަރާއޮތްކަމަށް މީޑިއާތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީގެ ރައީސް އަބްދުލް ﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރުގައި ހިނގައިދިޔަ ގާނޫނު އަސާސީ އާއި ޚިލާފު ކަންކަމާއި ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުން ލަސްވަމުންދާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެންބަރަކު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ސަރުކާރަށް ދަރާއޮތްކަމަށް މީޑިއާތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެ މައްސަލަ ބަލައިދޭން ސަރުކާރުގައި އެދުނުތާ ހަތްމަސްދުވަސް ވެއްޖެ ކަމާއި އަދިވެސް އެމައްސަލަ ބެލިފައި ނުވާކަމަށެވެ.

ބައެއް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖާބިރު ދައުލަތަށް ބިލިއަނެއްހާ ރުފިޔާއަށް ދަރާފައި ވެއެވެ.

ޖާބިރު މިއަދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެންމެ ބޮޑަށް އަނިޔާ ލިބިވަޑައިގެން އެއްބޭފުޅަނީ އޭނާ ކަމަށާއި އޭނާގެ މުދާ ސަރުކާރަށް ނެގުމާއި ފުރަން ބޯޓަށް އަރުއްވައި އިންނަވަނިކޮށް، ޕާސްޕޯޓް ކެންސަލް ކުރުންފަދަ ކަންތައް ކޮށްފައިވާ ކަމަށެވެ.

ޖާބިރު ވަނީ ރައީސްގެ ޔާމީންގެ ސަރުކާރުން ހިނގާދިޔަ ކަންކަން ރަނގަޅަށް ބަލައި ރައީސް ޔާމީން ހައްޔަރު ކުރަން ސަރުކާރަށް ގޮވާލައްވައިފައެވެ.