English Edition
Dhivehi Edition

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ގެ މެމްބަރުން ދެކޮޅު ހައްދަވައިފިއެވެ.

ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޯގާތެރިކަމާ އެކު އަޅާލެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށެވެ. މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ގާނޫނުގައި ކަންކަން ފުރިހަމަ ކުރަން ހުރި ނަމަ، އެކަން ކުރުމަށް ތާއީދު ކުރައްވާކަމަށާއި އެ އިސްލާހުގައި އުސޫލީ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި އެ ބިލުގައި ވަނީ ދައުލަތުގެ ބަޖެޓަށް ބުރަވާ އަދަދުތަކެއް ކަމަށްވެސް ހަސަން ލަތީފުވަނީ ފާހަގަކުރައްވާފައެވެ.

ހަސަން ލަތީފް ވިދާޅުވީ ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑު ކުރުމަށް ކޯލިޝަން ޕާޓީއެއްގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީ އިން މަޖިލީހަށް ބިލެއް ހުށަހެޅި އިރު ސަރުކާރާއި އެއްވެސް މަޝްވަރާއެއްކޮށްފައިނުވާކަމަށެވެ.ދައުލަތުގެ ބަޖެޓަށް ބުރަވާ ފަދަ ބިލެއް، އެއްވެސް މަޝްވަރާއެއް ނެތި ހުށަހެޅުމުން ޖޭޕީގެ ނިޔަތާމެދު ސުވާލު އުފައްދަވައި ހަސަން ލަތީފު ވިދާޅުވީ އެހެންކަމުން އެފަދަ ބިލަކަށް ތާއީދު ކުރެވެން ނެތްކަމަށެވެ.

ހަސަން ލަތީފުގެ އިތުރުން މަޖިލީހުގައި މިއަދު ވާހަކަދެއްކެވި އެމްޑީޕީގެ އެހެން މެމްބަރުން ވެސް ވަނީ އިނާޔަތް ބޮޑު ކުރަން ތާއީދު ނުކުރާ ކަމަށް ވިދާޅުވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މީހުންނަށް 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމަށެވެ. މީގެއިތުރުން އެ މީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000ރ.ގެ އިނާޔަތެއް ދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

އެފަދަ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000ރ.ގެ އިނާޔަތެކެވެ.