English Edition
Dhivehi Edition
އައްޑޫ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރ ރައީސް ހުޅުއްވައި ދެއްވަނީ

ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނިޒާމެއް ޤާއިމުކުރަން ސަރުކާރުން މިހާރު ނިއްމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސަސް އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ގުޅިގެން ދޭ “ރިވެލި އެވޯޑް 2019” ދިނުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތަކާއި، ރިހެބިލިޓޭޓް ކުރުމުގެ ވަޞީލަތްތަކާއި ޚިދުމަތްތައް ރާއްޖެއިން ލިބެން ހުރި މިންވަރު މަދުކަމާއި ޚިދުމަތްތަކުގެ އަގު ބޮޑުވުމާއި އަދި މި ނޫންވެސް ބޮޑެތި ގޮންޖެހުންތަކެއް މި ދާއިރާގައި ހުރިކަން ރައީސުލްޖުމްހޫރިއްޔާވަނީ ފާހަގަކުރައްވާފައެވެ.

ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނިޒާމެއް ޤާއިމުކުރަން ނިންމާފައިވަނީ މި ގޮންޖެހުންތަކަށް ޙައްލެއް ހޯއްދެވުމަށް ކުރެވޭ މަސައްކަތުގެ ދަށުންނެވެ.

މީގެ ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް، އަމިއްލަ ރަށުގައި ތިބެގެން، ތަފާތު ތެރަޕީތަކާއި ތަޢުލީމާއި ތަމްރީނުތައް ފަސޭހަކަމާ އެކު ހޯދޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ދާއިރާގެ ފަންނީ މީހުން ތަމްރީންކޮށް އުފެއްދުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޢަދަދު 15360އަށް އަރާއިރު އޭގެ ތެރެއިން އެންސްޕާގެ ދަފްތަރުގައި ރަޖިސްޓްރީކޮށްގެން ދައުލަތުން އިނާޔަތް ދެމުން ގެންދަނީ 7771 ފަރާތަކަށެވެ.

އެންސްޕާގެ ދަފްތަރުގައި ރަޖިސްޓްރީނުވެ ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުން ދެނެގަނެ، އެ މީހުންނަށް ދެވެން ހުރި ޢިނާޔަތްތައް ދިރާސާ ކުރުމުގެ މަސައްކަތްވެސް މިހާރު ކުރައްވަމުން ގެންދަވާކަމަށް ރައީސްވަނީ ވިދާޅުވެލައްވާފައެވެ.