ކޮންމެ ދުވަހަކު މޭވާ ކާންޖެހެ އެވެ. މޭވާ އަކީ އިންސާނާގެ ހަށިގަނޑަށް ވިޓަމިންސް އަދި މިނެރަލްސް ގިނައަދަދަކަށް ލިއްބައިދޭ އެއްޗެކެވެ. އަޅުގަނޑު މެންގެ ހަށިގަނޑަކީ 24 ގަޑިއިރު ހުއްޓާނުލާ މަސައްކަތް ކުރަމުން އަންނަ މެޝިނެއްފަދަ އެއްޗެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހަށިގަނޑު ބެހެއްޓުމަށް ވަރަށް ގިނަ ރޯލް ހަށިގަނޑުން އަދާ ކުރާ އިރު ހަށިގަނޑުގެ އެތެރޭގައި ވާ ގުނަވަންތައް އެންމެ ފުރިހަމައަށް ހިންގައިދޭނީ ތާޒާ މޭވާ އަދި ތަރުކާރީގެ ބާވަތްތައް ކޮންމެ ދުވަހަކުވެސް ބޭނުން ކުރުމުންނެވެ. އެެންކަމުން ކޮންމެދުވަހަކު ވެސް މޭވާކާން އެންމެ ރަނގަޅީ ކޮންއިރަކު ހެއްޔެވެ؟
ފުރުޓަކީ އޭގައި ވިޓަމިން އަދި މިނެރަލްސް ގިނައަދަދަކަށް އެކުލެވޭ އެއްޗެކެވެ. ސިއްޙީ މާހިރުން ބުނާގޮތުގައި މޭވާ ކާން އެންމެ ރަނގަޅީ ހެނދުނު ތެދުވެގެން އައިސް ހުސް ގޮހޮރާ ހުރެގެންނެވެ. އަދި އެންމެ ރަނގަޅީ ހުސްގޮހޮރާ ހުރެ މޭވާކައިގެން އިތުރު އެހެން އެއްވެސް އެއްޗެއް ނުބޮއެ ހަމައެކަނި ފެންތައްޓެއް ބޯލުމެވެ. ހެނދުނު ހޭލާގޮތަށް މޭވާކަން ޖެހޭ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ސިއްޙީ މާހިރުން ބުނެފައިވަނީ އެގަޑިއަކީ އަޅުގަނޑުމެންގެ ހަށިގަނޑުގައި މެޓަބޮލިޒަމް އެންމެ ހައިކޮށް ހުންނަ ވަގުތަށް ވުމުން ހަޖަމް ކުރާނިޒާމުން އެންމެ އަވަހަށް މަސައްކަތް ކުރާގަޑި އަކަށް ވުމާއެކީ މޭވާއިން ލިބޭ ހަށިގަނޑަށް އެންމެ ބޭނުންވާ މާއްދާތައް ލިބި ބާކީ ބައިތައް އަވަހަށް ހަޖަމްކޮށްލައި ހަށިގަނޑުން ބޭރުވުމެވެ.
އެންޓި އޮކްސިޑެންޓަކީ ހަށިގަނޑުގައި ވާ އިންފެކްޝަން ތައް ނައްތާލަދީ އަދި ހަލާކު ވެފައިވާ ސެލްތައް އާލާވުމާއި އިންފްލެމޭޝަން ތަކުން ހަށިގަނޑު ދުރުކޮށްދޭ މާއްދާއެކެވެ. މޭވާއިން މިހުރިހާ މާއްދާއެއް ލިބޭއިރު މޭވާ އަކީ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އެންމެ މިހިންމު އެކައްޗެވެ. އާންމު ކޮށް ޔޯގާ ހަދާ އަދި ޖިމަށް ދާބޭފުޅުން ކާން އެންމެ ރަނގަޅު މޭވާ އަކީ އަނބު އަދި ދޮންކޭލެވެ. އަދި މިދެބާވަތް ކާން އެންމެ ރަނގަޅީ ކަސްރަތު ކުރުމުގެ ކުރިންނާއި ފަހުންނެވެ. އަނބު އަދި ދޮންކޭލަކީ އޭގައި ވަރަށް ގިނައަދަދަކަށް ހަކަތަ އެކުލެވޭ އެއްޗެކެވެ.
މޭވާކާން އެންމެ ރަނގަޅު ވަގުތެއް ވީނަމަވެސް މޭވާ ކާން އެންމެ ނުރަނގަޅު ވަގުތެއް ވެސް ވެއެވެ. ރޭނަގޑު ނިދުމުގެ ކުރީން ފުރުޓް އެއްގޮތަކަށް ވެސް ކެއުން ރަނގަޅު ނޫންކަމަށް ސިއްޙީ މާހިރުން ބުނެއެވެ. ސަބަބަކީ މޭވާއަކީ އޭގައި ގިނައަދަދަކަށް ހަކުރު އެކުލެވޭ އެއްޗަކަށް ވެފައި ހަށިގަނޑުގައި ހަކުރު ލެވެލް މަތިކޮށްލާތީއެވެ. އަދި މޭވާކާން އެންމެ ރަނގަޅީ ކާނާ ކެއުމުގެ 30 މިނެޓް ކުރިންނެވެ. އަދި ކާނާ ކެއުމަށްފަހު ވެސް 30 މިނެޓް ފަހުންނެވެ. ސަބަބަކީ ފުރުޓަކީ ހައި ފައިބަރ އެކުލެވޭ އެއްޗަކަށް ވުމުން ހަޖަމް ކުރަން ވަގުތުނަގާތީއެވެ.
މޭވާއިން ލިބޭ ފައިދާ އޭގެ އެންމެ ރަނގަޅު ގޮތުގައިލިބެނީ ތާޒާކަންމަތީ ތޮށްޓާއެކު ކެއުމުން ކަމަށް ސިއްޙީ މާހިރުން ބުނެއެވެ. އަދި މޭވާއިން ޖޫސްގިރުމުން ނޫނީ ޑަރައި ކޮށްލުމުން އޭގެން އަސްލު ލިބިިދޭފައިދާ ނުލިބެއެވެ. ފައިބަރ އަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް މުހިންމު މާއްދާއެކެވެ. ފައިބަރ އިން ހަށިގަނޑަށް ބޭނުންވާ ކެލޮރީ ކޮންޓްރޯލްކޮށް ގިނަވަގުތު ބަނޑުހައި ވުމުގެ އިހުސާސް ނުވެހިފަހައްޓައެވެ.