އައްޑޫސިޓީގެ މަގުހެދުމާއި ބިން ހިއްކުމަށް ކަނޑައެޅިފައިވާ ބަޖެޓުން ނުފުދޭ ކަމަށާއި އެއީ އެކަމަށް އެކަށޭނަ ބަޖެޓެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ މަރަދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތާއި ގުޅޭގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބަޖެޓް ނެތުމުން، އައްޑޫ ސިޓީގެ ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތް ކުރަން ނިންމާފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގެ ދަށުން ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެމަސައްކަތަށް މިއަހަރުގެ ބަޖެޓުގައި ވަރަށް ކުޑަކުޑަ އަދަދެއް ހިމަނާފައި އެބައޮތް ކަމަށާއި އެކަމަކު އެއްވެސް ސަބްސްޓޭންޝަލް ކަމެއް ކުރެވޭ ވަރަކަށް ބަޖެޓުގައެއް ނެތްކަމަށެވެ. އަދި ސަރުކާރުން ނިންމާފައި އޮތީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ އެހީގެ ދަށުން އެކަން ކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“އެކަމާ ގުޅޭ ޓާމްސް އޮފް ރެފަރެންސް ތައްޔާރުކޮށް ސަރުކާރުން މިއަދު އިންޑިއާއަށް ފޮނުވާނެ . މަސައްކަތް ފަށައިގަނެވޭނީ އެގްޒިމް ބޭންކުގެ އެޕްރައިޒަލް ތައްޔާރުކޮށް ނިމުމުން “މިނިސްޓަރު ވިދާޅުވި އެވެ.
މަރަދޫ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައި އޮތުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން، 15 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން، މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހަށް މަސައްކަތް މުޅިން ނިންމަން ޖެހެ އެވެ.