1988 ވަނަ އަހަރު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރު ކުރުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސްނެރެފައިވަނިކޮށް އޭނާ ވިއްކަން މީހަކު އީބޭގައި އިޝްތިހާރުކޮށްފިއެވެ.
އީބޭއަށް ލުތުފީގެ ފޮޓޯއާއެކު އޭނާ ވިއްކާ އަގު ފެށެނީ 1 ޑޮލަރުން ކަމަށް ބުނެ އީބޭގައި ވަނީ އިޝްތިހާރުކޮށްފައެވެ.
ހާޒިރުވުމުން އޭނާ ފުލުހުންގެ ބެލެހެއްޓުމުގެ ދަށުގައި އެބަހުރި ކަމަށް ފުލުހުން ވިދާޅުވީ މެއި 24 ވަނަ ދުވަހު އެވެ. ލުތުފީ ރާއްޖޭގެ އެމްބަސީގައި ހުންނަތާ ދެމަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އަދިވެސް އޭނާ ރާއްޖެ ގެނެސްފައި ނުވާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ލުތުފީ ރާއްޖެ ގެނައުމަށް 2.7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަންޖެހޭ ކަމަށާއި އެކަން ކޮށްދެނީ ދިވެހި ސަރުކާރުން ކަމުގެ އަޑުތައް އިވިފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ވަނީ ބުނެފައެވެ. ލުތުފީ ގެންނަން ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭ ސަބަބެއް ޕީޕީއެމަކުން ނުބުނެ އެވެ. ނަމަވެސް ބެެލެވޭ ގޮތުގައި އެ އިޝާރާތްކުރަނީ ސްރީ ލަންކާގެ ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފަށް އެ ގައުމުގައި އުޅުނު މުއްދަތަށް ދައްކަންޖެހޭ ޖޫރިމަނާއަށް ކަމަށް ވެއެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އެންމެ އިސް ރޯލެއް އަދާކުރި ލުތުފީގެ މައްޗަށް އޭރުގެ ހައި ކޯޓުން އިއްވީ މަރުގެ ހުކުމެވެ. އެކަމަކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމް، އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ.
ލުތުފީ ފިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ، 16، 2010 ގައި ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވުމުންނެވެ. ނަމަވެސް ނުވަ އަހަރު ވަންދެން ލަންކާގައި ފިލައިގެން އުޅުމަށް ފަހު އޭނާ އަމިއްލައަށް ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގޮސް ރާއްޖެ އަންނަން ބޭނުން ކަމަށް ބުނެފަ އެވެ.
19 ދިވެއްސެއްގެ ލޭ އޮހޮރުވައިލުމުގައި އިސްކޮށް އުޅުނު ލުތުފީ އެމްބަސީ އަށް ގޮސް އަމާންދިނީ ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މޭ 1 ގަ އެވެ. ފުލުހުން އެހެން ހާމަކުރުމުން ބޮޑަށް ބެލެވުނީ ލުތުފީ އަމާން ދިނީ ލަންކާގައި ދިން ބޮމުގެ ހަމަލައާ ގުޅިގެން އެ ގައުމުގައި އުޅުމުގައި ދަތިތަކެއް ދިމާވުމުންނެވެ.