ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރަށްވާ ކަމަށާއި އަދި ނުވެސް ކުރައްވާނޭ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ޝައުނާ މިހެން ވިދާޅުވެފައި މިވަނީ އޭނާގެ މައްޗަށް ބޮޑު ލޯނެއް ލިބުނު ގޮތަކާ މެދު ބައެއް މީހުން ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަމުން ދަނިކޮށެވެ.
ޝައުނާ މިވާހަކަތައް ދޮގުކުރައްވާފައި ވާއިރު އޭނާ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2.4 މިލިއަން ރުފިޔާގެ ލޯނު ހަމަޖެހުނީ ރައީސް އޮފީހުގެ މަގާމަށް ވަޑައިގަތުމުގެ ދޮޅު އަހަރު ކުރިން ކަމަށެވެ. އަދި އެ ލޯނު ހޯދުމުގައި ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ.
ޝައުނާ ވިދާޅުވީ ބީއެމްއެލް އިން ލޯން ހޯދުމަށް ހުށަހެޅުއްވީ 2016 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި ލޯނު 2017 ގައި ހަމަޖެހުނު އިރު، ކޮންޓްރެކްޓުގައި ސޮއިކުރެއްވީ މިދިޔަ އަހަރު ކަމަށް ޝައުނާ ވިދާޅުވި އެވެ. އެ ލޯނު ހޯދަން ހުށަހެޅުއްވީ ފިރިމީހާ ތޯރިގް ހާމިދުއާ ގުޅިވަޑައިގެން “ޖޮއިންޓް ލޯނެއްގެ ގޮތުގައި” ކަމަށް އޭނާ ވިދާޅުވި އެވެ.