ދެމީހަކު ކައިވެންޏެއް ކުރަނީ އުމުރަށް އެކުގައި އުޅޭށެވެ. އެހެން ނަމަވެސް ރައްޓެހިވެގެން އުޅުނު ދުވަސްވަރު އެކަކު އަނެކަކަށް އަޅާލުމާއި ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކަތައް ކައިވެންޏަށް ފަހު މަޑުމަޑުން ދެއްކުން މަދުވެއެވެ. އަދި ބައެއްފަހަރު ދެމީހުން ވަޒީފާގައި ބިޒީވެ އެއްގޮތަކަށްވެސް ލޯބިން ވާހަކަދައްކާލައި އަދި އެކަކު އަނެކަކަށް ތައުރީފްކޮށްލާ ހަދިޔާ ދިނުންވެސް ހުއްޓެއެވެ. މިހެން ވަނީ ދެމީހުން ކައިވެންޏަށްފަހު އެކުގައި އުޅޭނެ ކަމުގެ ޔަގީންކަށް އޮންނާތީއެވެ. ނަމަވެސް ދިރިއުޅުމުގައު ބައެއް ކަންކަން ދިމާވުމުން ގިނަފަހަރު އެކަކު އަނެކަކު މިއުޅޭގޮތާ މެދު ވިސްނާލެވި އަޅާނުލެވޭކަން އިހްސާސް ވެއެވެ. އެހެންވީމާ އަބަދުވެސް ކައިވެންޏަށްފަހު އެކަކު އަނެކަކަށް ބުނަން ޖެހޭ މި މުހިންމު ބަސްތައް ބުނަން ހަނދާން ނުނައްތާށެވެ. ހަމަ ޔަގީނުންވެސް އުފާވެރި ދިރިއުޅުމެއް ލިބޭނެއެވެ.
ލޯބިވާ ވާހަކަ ބުނުން:
“ވަރަށް ލޯބިވޭ” ނުވަތަ އައި ލަވްޔޫ މިބަހަކީ އޭގައި ވަރަށް ބާރުހުރި އަގުހުރި ބަހެކެވެ. އެހެން ނަމަވެސް މިބަސް ފިރިމީހާ ނުވަތަ އަނބިމީހާ އެކަކު އަނެކަކު ކައިރީ ދުވަހަކު ކިތައްފަހަރު ބުނަން ހެއްޔެވެ؟ ނޫނީ އެންމެ ފަހުން އަނބިމީހާ ނުވަތަ ފިރިމީހާ ކައިރީ ލޯބިވާ ވާހަކަ އެންމެ ފަހުން ބުނިދުވަސް މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ ލޯބިވާ ވާހަކަ ބުނަން ހަނދާން ނުނައްތާށެވެ.
ރީތިވާހަކަ ބުނުން/ތައުރީފްކުރުން
ދިރިއުޅުމުގައި ކިތަންމެ ބިޒީކޮށް އުޅުނަސް ދެމީހުން ބައްދަލުވާ ވަގުތު އެކަކު އަނެކަކަށް ތައުރީފު ކުރުމަކީ އަމިއްލަ ނަފްސަށް ކުރާއިތުބާރު ބޮޑުވާނެ ކަމެކެވެ. ބައެއްފަހަރު ކައިވެންޏެއްކޮށް ދަރިން ލިބުމުން އަންހެންމީހާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މިކަހަލަ ކަންކަން ކުރިމަތިވާއިރު ފިރިމީހާ އޭނަގެ އަނބިމީއަށް އަބަދުވެސް އަޅާލައި ސިފައަށްވެސް ތައުރީފް ކުރުމުން ދެމީހުންގެ ދެމެދުގައި ލޯބި އިތުރުވެއެވެ.
އަބަދުވެސް ކައިރީގައި/އެކުގައި ހުންނާނެ ވާހަކަ ބުނުން:
ކައިވެނި ކުރުމުން ދެމީހުންގެ ބޮލުގައިވެސް އެޅެނީ ބޮޑެތި ޒިންމާތަކެވެ. އެހެން ކަމުން ދިރިއުޅުމުގައި އުފަލާއި ހިތާމައާ ދިމާވިޔަސް އެކަކު އަނެކަކަށް ޓަކައި އަބަދުވެސް އެންމެ ކައިރީގައި ހުންނާނެ ކަމުގެ ޔަގީންކަން ދިނުމަކީ ކައިވެންޏެއް ދަމަހައްޓަން ވަރަށް މުހިންމު ކަމެކެވެ.
ސަޕްރައިޒް ދިނުން:
ދިރިއުޅުމެއް ފެށުމަށްފަހު ބައެއްފަހަރު ހަރަދުތަކަށް ބަލަންޖެހެއެވެ. ހުރިހާ އެންމެނަކީ ތަނަވަސް ބައެއްނޫނެވެ. އެހެން ނަމަވެސް ދިރިއުޅުމުގައި އަންނަ ހާއްސަ ދުވަސް ދުވަހު އެކަކު އަނެކަކަށް ސަޕްރައިޒް ދިނުމުން ކިތަންމެ ބިޒީވިޔަސް އަދި ތަނަވަސް ކަމެއްނެތަސް ލޯބިވާކަމާއި އަޅާލާކަން ދެމީހުންނަށް ވެސް އެނގޭނެއެވެ.
ޑޭޓަކަށް ދިޔުން:
އާންމުގޮތެއްގައި ރައްޓެހިވެގެން އުޅޭއިރު ޑޭޓްތަކަށް ދާނެއެވެ. އެހެން ނަމަވެސް ކައިވެނި ކުރުމަށްފަހު ދުވަހަކުވެސް ޑޭޓަކަށް ނުދާ ދެމަފިރިންވެސް ގިނައެވެ. ޑޭޓަކަށް ދިޔުމަކީ ދެމަފިރިންނަށް ލިބޭ ވަރަށް އަގުހުރި ވަގުތު ކޮޅެކެވެ. ބިޒީ ދިރި އުޅުމަށްފަހު ދެމީހުން އެކަކު އަނެކަކާ ހިއްސާކޮށްލަން ބޭނުންވާ ގިނަވާހަކަ ހިއްސާކޮށްލަން ލިބޭ އަގުހުރި ވަގުތު ކޮޅެކެވެ. އުފާވެރި ކައިވެންޏަކަށް އެދޭނަމަ ޑޭޓަކަށް ދާށެވެ.
ޝުކުރުއަދާކުރުން:
ޝުކުރުއަދާ ކުރުމަކީ އެކަކު އަނެކަކަށް ކޮށްދޭކަން ގަބޫލުކޮށް ބަަލައިގަތް ކަންހާމަކޮށް ދޭކަމެކެވެ. ބައެއްފަހަރު މާގާތް މީހަކަށް ވީމަ ޝުކުރު އަދާކުރުން އެއީ ހަޑިކަމަކަށް ވެއެވެ. އެހެން ނަމަވެސް އަބަދުވެސް އެކުގައި އުޅޭތީ، ކަންކަމުގައި އެހީތެރިވާތީ، ދަރިންނަށާއި އަނބިމީހާ ނުވަތަ ފިރިމީހާ އާއެންމެގާތުން ހުންނާތީ އެކަމަށް ޝުކުރު ވެރިވާ ވާހަކަ ބުނުމަކީ ވެސް ދެމަފިރިންވެސް ހިތް އުފާކޮށް ލޯބި އިތުރުވާނެކަމެކެވެ.