English Edition
Dhivehi Edition

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ.މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިވެއެވެ.

މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ އާއިލީ ބައްދަލުވުމަކަށް މާފުށީ ޖަލަށްދާ މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނެއްގައެވެ. ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި އަންހެނެކެވެ. މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޖޫން 26 ވަނަ ދުވަހު 15:10 ހާއިރު މާފުށި ޖަލުންނެވެ.

މި އަންހެން މީހާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އޭނާގެ ފުރަގަސްފަރާތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 04 ރަބަރު ޕެކެޓާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ ބެލޫނަކާއި މޮބައިލް ފޯނެއް ވަނީ ފެނިފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ..މި މައްސަލަ ކ.މާފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.