ވިއްސާރައާއެކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އެކި ހިސާބުތަކުގައި ބާލިދީ ބަހައްޓާފައި ހުންނަތަން ފެނުމަކީ އާންމުކަމެކެވެ.
އައްޑޫގައި ސަރަހައްދީ ހޮސްޕިޓަލެއްގެ ގޮތުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލުގައި ވިއްސާރަމޫސުމުގައި އެންމެ ބާރުބޮޑުވާތަން ފެންނަނީ ބާލިދީއަށެވެ.
ވާރޭ ވެހޭދުވަހަކު ހޮސްޕިޓަލުގެ ކައުންޓަރު ކައިރީގައި މަޑުކޮށްލިތަނާ ބޮލަށް ފެންތިއްކެއް ޖަހައިގެން ބަލައިލިއިރު ސީލިން ގަނޑުން ފެންތިކި ޖަހަނީއެވެ. ކައިރީގައި ބާލިދީއެއް ބަހައްޓާފައި ހުއްޓެވެ. ކޮންމެވެސް މީހަކަށް އޮޅިގެން ބާލިދީ ބަހައްޓާފައި ހުރި ސީދާ ޕޮއިންޓުން އެ ދުރުކުރެވިފައި ހުރީ ކަންނޭނގެއެވެ. އެކަމާ ގުޅޭ ގޮތުން ކައުންޓަރުގައި ހުންނަ ކުއްޖާ އާ ސުވާލުކޮށްލުމުން ބުނީ އެތަނަށް ވާރޭފެންތިކި ޖަހާތީ ބާލިދީ ބަހައްޓާފައި ހުރީ ކަމަށެވެ. އެހެން ބުނި އަޑު އެހި މީހަކު ދުރުގައި ހުރެގެން ގޮވާލާފައި ބުނީ ކިރިޔާ ވާރޭފޮދެއް ޖަހާލާއިރަށް ވެސް ތިޔަ ބާލިދީ ތިތަނުގައި ހުންނަ ކަމަށާއި މިހާރު ތިކަން ތަކުރާރު ވާތާ ކިތަންމެ ދުވަހެއް ކަމަށެވެ. އެކަމުގެ ހަގީގަތް ބަލާލުމަށް އޭގެ އެއްމަސް ފަހުން ވާރޭ ވެހުނު ދުވަހެއްގައި ދިޔަ އިރުވެސް އެބާލިދީ އެއްކަލަ ތަނުގައި ފެންނަގަން ބަހައްޓާފައި ހުއްޓެވެ.
އަދި އެކަހަލަ ކިތަންމެ ގިނަ ބާލިދީ އެއް ހޮސްޕިޓަލުގެ އެކި ދިމަދިމާއިން ފެންނަން ހުއްޓެވެ.
އޭގެ އެތައް ދުވަސް ފަހެވެ. މިއަދު އަނެއްކާވެސް ހޮސްޕިޓަލަށް ވަދެލުމުން ފެންނަނީ އެކިކުލައިގެ ބާލީތަކުން ހޮސްޕިޓަލުގެ ކޮރިޑޯތައް ފަޅުފިލުވަމުންދާ މަންޒަރެވެ. ފެންތިކި ޖަހަމުން ޖަހަމުންގޮސް ހަލާކުވަމުންދާ ސީލިންގްގަނޑެވެ. ހައްލެއް އަންނާނެ ދުވަހެއް ނޭނގޭކަމަށް އެތަނުގެ މުވައްޒަފުންވެސް ބުނެއެވެ.
ދާދި ފަހުންވެސް އަޑުއިވުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށްޓަކައި އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް 1.2 މިލިޔަން ރުފިޔާ އަށް ސަންޝެލް މޯލްޑިވްސް ކިޔާ ކުންފުންޏަކާ ޙަވާލުކުރިވާހަކައެވެ.
ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި އެޗްއާރުއެޗް ގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށްކަމަށެވެ. ސަންޝެލް އާއެކު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު، އެކްޓިން ހެލްތު މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށާއި ހޮސްޕިޓަލް މަރާމާތުކޮށް ނިމުމުން އެތަން ވަރަށް ބޮޑަށް ތަރައްގީ ވާނެ ކަމަށެވެ.
އައްޑޫގެ ރައްޔިތުން އުއްމީދުކޮށްގެން ތިބީ ޓާޝަރީ ހޮސްޕިޓަލަކާއެކު ވިއްސާރަމޫސުމުގައި ހޮސްޕިޓަލުގެ ކޮރިޑޯތަކުން ބާލިދީ މަދުވާނެ ދުވަހަކަށެވެ.