English Edition
Dhivehi Edition

ކުރީގެ ނައިބް ރައީސް އަހުމަދުގެ އަދީބުގެ ބޭސްފަރުވާގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު އަދީބު އިންޑިއާއަށް ފުރާވަޑައިގެންނެވި އިރު މި ދަތުރުގައި އަދީބާއެކު ޢާއިލާގެ ފަރާތުން އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ފުރާވަޑައިގަތެވެ.މީގެ އިތުރުން އަދީބުގެ މި ދަތުރުގައި ފުލުހުންގެ ތިން އޮފިސަރަކާއި ކަރެކްޝަނަލް ސަރވިސްގެ ތިން އޮފިޝަލަކު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަދީބް ބޭސްފަރުވާއަށް ފޮނުވަން ނިންމުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އެކަމާއި މެދު ކަންބޮޑުވުންފާޅުކޮށް، އަދީބް ފިލާފާނެކަމަށް ވަނީ ތުހުމަތުކޮށްފައެވެ. މި ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންވަނީ ކަމާގުޅުންހުރި އިދާރާތަކުގެ ވެރިން އެކޮމިޓީއަށް ޙާޒިރުކޮށް ސުވާލުކޮށްފައެވެ. މި ބައްދަލުވުމުގައި ހޯމް މިނިސްޓްރ އިމްރާން އަބްދުﷲ ވިދާޅުވީ އަދީބު އިންޑިއާއަށް ވަޑައިގެން ފަރުވާ ނިމުމުން އަލުން އަނބުރާ ރާއްޖެ ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ. އަދި އަދީބު އަލުން އަނބުރާ ރާއްޖެ ގެނައުން “ފެއިލްވެއްޖެ” ނަމަ އެކަން ވެގެންދާނީ މުޅި ދިވެހި ސަރުކާރުގެ ފެއިލްވުންކަމަށް އިމްރާން ވިދާޅުވިއެވެ.

އަދީބްގެ ބޭސްފަރުވާގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފައިވާއިރު މީގެ ދެ ދުވަސްކުރިން އަދީބުގެ ޕާސްޕޯޓު ހިފަހައްޓަން ސުޕްރީމް ކޯޓުންވަނީ އަމުރުކޮށްފައެވެ. އަދީބުގެ ޕާސްޕޯޓު ދޫކޮށްފައިނުވާތީ ޓްރެވަލް ޑޮކިއުމެންޓެއްގައި ފުރާވަޑައިގެންނެވިއިރު މިއަދަކީ އަދީބްއަށް ބޭސް ފަރުވާއަށް އެންމެ ފުރަތަމަ ސަރުކާރުން ދިން 10 ދުވަސް ހަމަވާދުވަހެވެ.