އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރުމަށް ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުން ލާޒިމް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައި އެވެ. އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރުމަށާއި އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށްދީ ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ދެ ޔުނިވާސިޓީ އެއްކޮށްލައި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އައިޔޫއެމް ހަދަން ތާއީދުކޮށް ވަރަށް ބޮޑަށް އެކަމަށް ބާރު އަޅުއްވައި ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި ގިނައީ އެމްޑީޕީގެ މެންބަރުންނެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވެސް ހިމެނެ އެވެ.
ނަމަވެސް އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ މެންބަރުން ވަނީ އެ ވިސްނުމާ ދެކޮޅު ހައްދަވާފަ އެވެ.