English Edition
Dhivehi Edition

މިދިޔަ ބުރާސްފަތި ދުވަހު ކ.މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކަކީ، ގައުމީ ސަލަމާތަށް ހުރި ނުރައްކަލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަަކުގެ ކޮމިޓީން ނިންމައިފި އެވެ.

އެކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މުގައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ކޮމެޓީން މިހާތަނަށް ބެލިބެލުމުން މާފުށީ ޖަލުގެ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ނުބެލެވޭ ކަމުގައެވެ.

ޝަރީފް ވިދާޅުވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުނާޒް ކޮމެޓީއަށް ހާޒިރުކޮށް ހޯދުނު މައުލޫމާތައް ބަލާއިރު ޖަލުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ހިނގަމުން ނުދިޔަ ނަމަވެސް އިންސާނީ ކަރާމަތާއި ހައްގުތަކާއި ގުޅުންހުރި ކަންކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ.
އެހެންކަމުން އެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ކުރިއަށް ގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
މާފުށީގައި މިދިޔަ ބުރާސްފަތި ދުވަހު އޮފިސަރުންނާއި ގައިދީންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ގައިދީންގެ ބޯ ތުނިކޮށް ކޮށައި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް އިއްޔެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައިވެ އެވެ.

މި ހަމަނުޖެހުންތަކާއި ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވެސް ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ. އެގޮތުން އެ އިދާރާއިން ވަނީ މި އަމަލު ކުއްވެރިކޮށްފައެވެ. އެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނީ ޖޫން 2019 ވީ ބްރާސްފަތި ދުވަހު މާފުށީ ޖަލުގައި ގައިދީންތަކަކަށް، ޖަލުބަލަހައްޓާ އޮފިޝަލުންގެ ތެރެއިން ބަޔަކު، ލާއިންސާނީ އަނިޔާކޮށް އެމީހުންގެ ބޯ ބާލާ، އެކިވަރުގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދިނުން އެ ޖަމިއްޔާއިން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.