English Edition
Dhivehi Edition

މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުމަކީ ގަވާއިދުތައް ހަދާފައި ނެތިގެން ހިނގި ކަމެއް ނޫން ކަމަށާއި އެކަން ހިނގީ އޮފިސަރުން ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުވެވަޑައިގެން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުނާޒު ވިދާޅުވީ ޖަލުގައި ހިނގައިދިޔަ ކަންތައްތަކުގައި ޖަލުގެ ހާލަތު ގޯސްވީ ޖަލު އޮފިސަރުން އަމަލު ކުރިގޮތުން ކަމަށެވެ.

މުނާޒު ވިދާޅުވީ ޖަލުގައި އަމަލުކުރަން އޮންނަ އުސޫލުން އޮފިސަރުން އަމަލުކުރެއްވި ނަމަ ޖަލުގެ ހާލަތު ގޯސް ނުވާނެ ކަމަށެވެ. ނަމަވެސް އޮފިސަރުން އަމަލުކޮށްފައި ވަނީ އުސޫލާ ހިލާފަށް ކަމަށާއި، އެކަންކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިމަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއާއި އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޓީއަށް ހާޒިރުވުމަށް އެންގުމަށްފަހު މި ދެކޮމިޓީ އެއްކޮށް ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ މުނާޒު އެކަންޏެވެ.

މި ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މުނާޒު ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން ދިޔުމުން އެކަމަކީ ކަރެކްޝަނާއި ހޯމް މިނިސްޓްރީގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. ހޯމް މިނިސްޓްރީއާއި ކަރެކްޝަނުން ވަނީ ގަވާއިދުތަކެއް ކަނޑައަޅައި ލިޔެފައި ކަމަށާއި އެޔަށް އަމަލުވެސް ކުރެވެމުންދާ ކަމަށެވެ. އެހެންނަމަވެސް އޮފިސަރުންގެ ތެރޭގައިވެސް ގަވާއިދާ ޚިލާފުވާ ބައެއް މީހުން ތިބިކަން ފާހަގަކުރައްވައި މުނާޒު ވިދާޅުވީ މިފަދަ ހާދިސާތަކުގައި ލޭބަލްވާން ޖެހޭނީ އެމީހުން ކަމަށާއި އެމީހުން ހޯދުމަށް ފަހު ފިޔަވަޅު އަޅާނެ ކަމަށެވެ.

މާފުށީ ޖަލުގައި ހިގައިދިޔަ ހާދިސާގައި ހަ ގައިދީއަކަށް ފަރުވާދީފައިވެއެވެ. ނަމަވެސް އެއްވެސް ގައިދީއަކަށް ބޮޑު އަނިޔާއެއް ނުވާ ކަމަށާއި، އޮފިސަރުންނަށް ވެސް މި ހާދިސާގައި އެކިކަހަލަ އަނިޔާ ލިބިގެން ފަރުވާ ދިންކަމަށް މުނާޒު ވިދާޅުވިއެވެ.