English Edition
Dhivehi Edition
މާފުށީ ޖަލު -- ފޮޓޯ: ގޫގަލް

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމެއް ގައި ގައިދީންނަށް އަނިޔާކުރި މައްސަލާގައި ޖަލުގެ ކޮމާންޑަރަކު ސަސްޕެންޑް ކޮށްފިއެވެ. ސަސްޕެންޑު ކޮށްފައިވަނީ ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރެކެވެ.

ޖަލުގެ ހާލަތު ބައްލަވާލެއްވުމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ މިއަދު ޖަލަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ މިދިޔަ ބުރާސްފަތިދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމުގައި ހަ ގައިދީއަކަށް އަނިޔާވި ކަމަށެވެ. މައްސަލަ އުފެދުނީ ޖަލުގެ އޮފިސަރަކަށް ގައިދީއަކު ހަމަލާދިނުމުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޖަލު އޮފިސަރުން ގައިދީން ގައިގައި ތަޅައިގަތީ، އެހެން ގޮޅިއަކުން އެއްޗެއް ގެނެސްދޭން ގައިދީއަކު އެދުމުން ހިނގި ޒުވާބެއްގައި އޮފިސަރަކަށް ހަމަލާދިނުމުންނެވެ.

އެ ހަމަނުޖެހުން ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު ގައިދީންނަށް އަނިޔާކުރުމުގެ ތެރޭގައި ބޯބޭލި ވާހަކަ މިނިސްޓަރު ދޮގު ކުރެއްވި އެވެ.