މިސްރުގެ ފުރަތަމަ އަދި ހަމައެކަނި ޑިމޮކްރަޓިކް ރައީސް މުހައްމަދު މުރުސީގެ ހަށިކޮޅު މިއަދު ގާހިރާގެ އިރުމަތީގެ ސަހަރާއެއްގައި ފަސްދާނުލައްވައިފިއެވެ.
މިސްރުގެ ވެރިރަށް ގާއިރާގެ އިރުމަތީގައި އޮންނަ މަދީނަތު ނަސްރުގައި މުރުސީގެ ހަށިކޮޅު ފަސްދާނުލާފައިވާ އިރު ރުސީގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މުރުސީ ހައްޔަރު ކޮށްފައި ހުރި ތޯރާ ޖަލުގެ ހޮސްޕިޓަލްގައެވެ. މުރުސީގެ ޤާނޫނީ ވަކީލް އަބްދުލް މޫމިން އަބްދުލް މަކްސޫދު ވިދާޅުވީ މުރުސީގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު މިސްރު ސަރުކާރުން ދިނީ ހަމައެކަނި މުރުސީގެ އާއިލާ މެންބަރުންނަށް ކަމަށެވެ.
ސިފައިންގެ ބަގާވާތަކުން ވެރިކަމުގެ ދުރުކުރި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ އަވަހާރަވީ އޭނާގެ މައްޗަށް އުފުލިފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކަށް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށެވެ.
މިސްރުގައި ހުދުމުހުތާރު ވެރިކަމެއް 30 އަހަރު ވަންދެން ކުރި ހުސްނީ މުބާރަކްގެ ވެރިކަން ނިމުނު ފަހުން އެގައުމުގައި ބޭއްވި ފުރަތަމަ އަދި ހަމައެކަނި ޑިމޮކްރަޓިކް އިންތިޚާބު ކާމިޔާބު ކުރައްވައިގެން މުރުސީ މިސްރުގެ ވެރިކަމަށް ވަޑައިގެންނެވީ 2012 ވަނަ އަހަރު އެވެ. އެހެންނަމަވެސް 2013 ވަނަ އަހަރު އެ ގައުމުގެ ސިފައިންނާއި މިހާރުގެ ރައީސް އަދި އަސްކަރިއްޔާގެ އޭރުގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހު އަލްސީސީ އިސްވެގެނައި ބަޣާވާތެއްގައި މުރުސީގެ ވެރިކަން ވަނީ ވައްޓާލާފައެވެ.
ވެރިކަމުން ދުރުކުރެވުނު ދުވަހުން ފެށިގެންވެސް ޖަލުގައި ހުންނެވި މުރުސީގެ މައްޗަށް ޓެރަރިޒަމާއި މީހުން މެރުމުގެ ހަ ދައުވާއެއް އުފުލާފައިވާ އިރު، މީގެ ކުރިން ހިންގުނު އެކި ޝަރީއަތްތަކުގައި އޭނާ ހުންނެވީ 26 އަހަރު ދުވަހުގެ ޖަލު ހުކުމެއްގަ އެވެ.