ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ)އާއި މެދު އެއްވެސް ފިޔަވަޅެއް ނާޅާ މަޑުކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާނުވެ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ވިޔަސް ނިންމާ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ސަސްޕެންޑްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އެ ސަސްޕެންޝަން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ޖޭއެސްސީގެ އެ ނިންމުން ސައްހަ ކަމަށް ކަނޑައަޅަން މަޖިލީހުގެ ތަޅުމަށް ފޮނުުވައިފަ އެވެ. މަޖިލީހުގެ ޖުޑީޝަލް ކޮމެޓީން ވަނީއަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ ޤާނޫނު އަސާސީ އިން ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި އެނިންމުމާއި މެދު ޤާނޫނީ ގޮތުން ސުވާލު އުފެދޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ނިންމާފައެވެ.
މި މައްސަލަ މަޖިލީހަށް ފޮނުވުމާއި ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސްކޮށް އެއާ ގުޅޭ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނާޅަން އަމުރުކޮށްފައިވަނިކޮށް އެ ގަބޫލު ނުކުރަން ޖޭއެސްސީއިން ނިންމި ނިންމުމަކީ ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށެވެ.އަދި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމުންތަކަކީ އެންމެ ފަހުގެ ނިންމުންކަމުގައި ސުޕްރީމް ކޯޓުންވަނީ ބުނެފައެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުންވަނީ ކޯޓުތަކުގެ ނިންމުންތަކަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ގާނޫނީ ގޮތުން އަމަލު ކުރަންޖެހޭ ނިިންމުންތަކެއް ކަމަށް ވިދާޅުވެފައެވެ.
ފަނޑިޔާރު ޑީޑީ މިހާރު ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވަމުންނަވަން ފަށާފައިވާއިރު އެކަމުގައި ޖޭއެސްސީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.