English Edition
Dhivehi Edition
ފަނޑިޔާރު އަލީ ސަމީރު

ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރެއްވުމަށް ރުހުންދީފިއެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަމީރު އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ 55 މެންބަރުންގެ ވޯޓުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހު ރިޓަޔާކުރައްވާތੀ، އެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ނަންފުޅު ފޮނުއްވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މި ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާގެ މަތިންނެވެ.

އަލީ ސަމީރު އެ މަގާމަށް އައްޔަންކުރުމަށް ޖުޑީޝަރީ ކޮމިޓީން ރުހުން ދީފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ. ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރަނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއުކުރުމަށްފަހު ރައީސަށް އަރުވާ ލަފާގެ މަތިންނެވެ.

އަލީ ސަމީރަކީ 12 މެއި 2022 އިން 28 އޮކްޓޫބަރު 2024 އަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން މާޗު 2011 އިން މެއި 2022 އަށް އޭނާ ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް އަލީ ސަމީރުގެ އިތުރުން ކުރިމަތިލެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ. މަޖިލީހުން ރުހުން ދޭތާ ހަތް ދުވަހުގެ ތެރޭގައި އެ ބޭފުޅަކު މަގާމަށް އައްޔަންކުރައްވަން ޖެހޭނެއެވެ.